ނީލަންފިހާރައިގައި އަލިފާން ރޯވި ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް ކުރީގެ ކޮވިޑުވިލެޖުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަން އެޗުޑީސީން ނިންމައިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މިކަމާބެހޭ އިތުރު މައުލޫމާތު މާލޭސިޓީކައުންސިލާއި ޑިޒާސްޓަރ މެނޭޖުމަންޓު ސެންޓަރުން ފަހުން ހިއްސާކޮށްދޭނޭ ކަމަށެވެ. އަލިފާނުގެ މި ޙާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން ކުރިން ނިންމާފައިވަނީ ފަރުކޮޅުފުށީގައެވެ. އެހެންނަމަވެސް ފަހުން ކޮވިޑުވިލެޖަށް ބަދަލުކުރަން އެޗުޑީސީން ނިންމެވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

އަލިފާުނުގެ ހާދިސާއަށްފަހު އެ މުވައްޒަފުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވަނީ އިމާދުއްދީން ސްކޫލުންނެވެ. އެ މީހުން ތިބޭނޭ ތަނެއް ހަމަޖެހިފައި ނުވާތީ ސިޓީކައުންސިލުން ކުރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާދިސާގައި 200 ބިދޭސީންނަށްވަނީ ބޯހިޔާވަހިކަން ގެއްލިފައެވެ.