މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެ ޕާޓީގެ މާލޭ ދާއިރާގެ މެންބަރުންނާ އެކު މިރޭ ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފިއެވެ.

މި ބައްދަލުވުމަކީ ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންނާ ގުޅިގެން ބާއްވާ ބައްދަލުވުމެއްކަމަށް އެމަނިކުފާނުުގެ ކެމްޕޭން ޓީމުން ވިދާޅުވިއެވެ.

މިިގޮތުން ކެމްޕޭން ޓީމުތަކާއި، މާލޭގެ ދާއިރާގެ މެމްބަރުންނާ ރައީސް ސާލިހު ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ދަރުބާރުގޭގެ ފާށަނާ މާލަމްގައެވެ.

މި ހަފްތާގައި ރައީސް ސާލިހުވަނީ ހަތަރު އަތޮޅަކަށް ދަތުރު ކުރައްވާ އެ އަތޮޅުތަކުގެ ރަށްތަކުގައި ތިބި އެމްޑީޕީގެ މެމްބަރުނާއި ބައްދަލުކޮށް ކެމްޕޭން ކުރައްވާފައެވެ. އެމަނިކުފާނު ވަޑައިގެންނެވި އަތޮޅުތަކުގެ ތެރޭގައި ރ، ނ، ޅ، އަދި ބ އަތޮޅު ހިމެނެއެވެ.

މިމަހު 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހު އާއި ވާދަކުރައްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.