މާލެ، ނީލަން ފިހާރަ ސަހައްދުގެ މެދުތެރޭގައި އަދިވެސް ދުމުގެ އަސަރު އެބަހުރި ކަމަށާއި އެސަރަހައްދަށް އާންމުން ދިއުން ރަނގަޅު ނޫންކަމަށަ އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާއަށްފަހު އެމްއެންޑީއެފް އާއި ފުލުހުން ގެންދަނީ އެ ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުންނެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވެސްކުރިއެވެ. ދުމުގެ އަސަކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ފުލުހުން ވަނީ އެދިފައެވެ. މިހާދިސާގައި 200 ބިދޭސީންގެ ބޯހިޔާވަހިކަން ގެއްލުނެވެ.