ހއ. މަނަފަރު ރިސޯޓުގެ އިންޖީނި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ މަނަފަރު ރިސޯޓްގެ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަމުގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 04:35 ހާއިރު ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ފަޔަ ޓީމުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ފަތިހު 05:45 ގައި ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

ދާދި ދެންމެއަކު އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ އިންޖީނު ގޭގައި އުސްކޮށް ހަދާފައި ސާމާނު ލާފައިހުރި ގުދަނެއްގައި ކަމަށާއި މި ހާދިސާގައި ޖެނެރޭޓަރާއި ޕެނަލް ބޯޑުގެ އިތުރުން ޖެހިގެން ހުރި އިމާރާތުގައި ހުރި ފެން ޕްލާންޓަކަށް ގެއްލުންވެފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.