ގދ. ފަރެސްމާތޮޑާގައި ނަރުދަމާ އެޅުމަށް މަގު ކޮންނަނިކޮށް ބޮލިތަކެއް ފެނިއްޖެއެވެ.

އެރަށު ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒު ވިދާޅުވީ އެ ބޮލިތައް ފެނިފައިވަނީ މާތޮޑާ އަވަށުގެ ބޮޑު މިސްކިތުގެ ދޮރާށިކައިރީ މަގު ކޮންނަނިކޮށް މިއަދު ހެނދުނު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ތަނުން ބަސްތާއެއްގެ ބޮލި ފެނިފައިވާ ކަމަށެވެ. "ބެލެވޭ ގޮތުގައި އެ ބޮލިތަކަށް ސަތޭކައެއްހާ އަހަރު ވެދާނެ. އެއީ އެރަށު ކުރީގެ ކާޑުގެ ހުރި ސަރަހައްދު. އެހެންވެ އެއީ ކާޑުގެއަށް ކިރަން ގެނައިބޮލިތަކެއް ކަމަށްވެސް ވެދާނެ. ކިރުމަށްފަހު ވަޅުލިގޮތަށް ހުރީކަމަށް ބެލެވެނީ. ވަޅުލަނީ ބޮލީގެ ވަސްކަނޑުވަން. އެއީ އިހުޒަމާނު މީހުން އެކަންކޮށް އުޅުނުގޮތް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބޮލިތައް ރަށުކައުންސިލާ ހަވާލު ކުރުމަށް މިހާރުވަނީ އަންގާފައި ކަމަށެވެ.