މާލޭ ރައްޔިތުންނަށް މިސަރުކާރުން ވައުދުވެފައިވާ ގޮތަށް މާލޭގެ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް މިއަހަރު ތެރޭގައި ގޯއްޗާއި ފްލެޓް ދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނުގައި މާލޭ ރައްޔިތުންނާއި ދަރުބާރުގޭގައި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެހެން ކެންޑިޑޭޓަކު ފްލެޓުގެ ވާހަކަ ދައްކަވާނެ ކަމެއް ނެތް ކަމަށާއި އެމަނިކުފާނުުގެ ސަރުކާރުން ސޯޅަ ހާހަށްވުރެ ގިނަ ފްލެޓާއި ގޯއްޗާއި ރޯ ހައުސްގެ މަޝްރޫއުތައް ކުރިއަށް ގެންދަވާ ކަމަށެވެ.

"މާލެއަށް ހާއްސަކޮށްގެން 7000 ފްލެޓާއި 5000 ގޯތި ދިނުމުގެ މަޝްރޫއެއް އެބައޮތް" މާލޭ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް ރޭ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހައުސިންގ މިނިސްޓްރީން މިހާރު ކުރިއަށް ގެންދަވަނީ ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

"އެއްވެސް މީހަކު ބާކީ ނުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން. މިސަރުކާރުން އަޅަން ފެށި ފްލެޓްތައް މިދައުރު ނިމުމުގެ ކުރިން ނިންމައި މާލޭ މީހުންނަށް އެތަންތަނުގައި ދިރިއުޅެވޭ ވަރު ކުރާނަން. މިއީ ވޯޓް ހޯދަން ދައްކާ ވާހަކައެއް ނޫން. ވޯޓަކާއި މިކަމާ ގުޅުމެއް ނެތް. ވީވައުދާ އެއްގޮތަށް މިއަހަރު މެދަށް އަންނައިރު މާލޭ ރައްޔިތުންނަށް ގޯތި ކަނޑާފައި ދޭނަން" ރައީސް ސާލިހް ވިދާޅުވިއެވެ.