ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފިނަމަ، ޤާނޫނު އަސާސީ ބަދަލު ކޮށްގެންވިޔަސް ތިންވަނަ ދައުރެއްވެސް ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާނެކަމަށް، ކުރިއަށް އޮތް އެމްޑީޕީ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ ޕްރައިމަރީ ކެމްޕޭނުގައި ބ.ހިތާދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު، އެމްޑީޕީގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި އިބްރާހިމް މުހައްމަދު ސާލިހް ދިނުމަށް ނިންމީ، އެވަގުތު ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި ތިއްބެވުމުން ކަަމަށެވެ.

"އިބްރާހިމް ސާލިހް ވެރިކަމުގައި ހުންނަވާނީ 18 މަސްދުވަހު ކަމުގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ލިޔުނިން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ނަޝީދު ވިދާޅުވީ ސާލިހް ވެރިކަމަށް ގެނައީވެސް އެމަނިކުފާނު ކަމަށާއި ރައީސް ސާލިހް ވެރިކަމުން ބާލާނީވެސް އެމަނިކުފާނު މަސައްކަތް ކުރައްވައިގެން ކަމަށެވެ.

މުޅި ސިޔާސީ ހަޔާތުގައި "ބެސްޓް ފްރެންޑުން" ގޮތުގައި ތިއްބެވުމަށްފަހު ރައީސް ސާލިހާއި ރައީސް ނަޝީދު ގެންދަނީ އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިނުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.