އެމްޑީޕީގެ އެތެރޭގައި ފިތުނަ އުފައްދަން ޖާގައެއްނެތް ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާމަނިކު ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފިތުނަ އުފައްދަން މަސައްކަތްކުރި ބަޔަކު މިފަހަރުވާނީ އެކަހެރި ކަމަށެވެ.

މޫސާ ވިދާޅުވެފައިވަނީ އެމްޑީޕީއަކީ ވިސްނުންތެރި ކަމާއެކު ސިޔާސީ ހަރަކާތް ހިންގަން ދަންނަ ޕާޓީއެއް ކަމަށެވެ. އެކަން ކުރިން ވެސް ކުރެއްވީ އެބޭފުޅުން ކަމަށާއި މިފަހަރު ވެސް އެކަން ކުރައްވަން ނުކުމެ ތިއްބެވީ އެބޭފުޅުން ކަމަށް ވިދާޅެފައިވެއެވެ.

"އެމްޑީޕީ އަކީ ވިސްނުންތެރިކަމާއެކު ސިޔާސީ ހަރަކާތްކުރަން ދަންނަ ޕާޓީއެއް، ކުރިންވެސް އެކަން ކުރީ އަޅުގަނޑުމެން، މިހާރުވެސް އެކަންކުރާންނުކުމެ މިތިބީ އަޅުގަނޑުމެން އެތެރޭގަ ފިތުނައުފައްދަން ޖާގައެއްނެތް. އެކަމަށް މަސައްކަތްކުރި ބަޔަކު އެކެހެރި ވާނީމިފަހަރު،" އޭނާ ވިދާޅުވެފައިވެއެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެކެވެ. އެ އިންތިޚާބުގައި ވާދަކުރައްވަނީ ޕާޓީގެ އެންމެ އިސް ދެބޭފުޅުން ކަމަށްވާ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ރައީސް ނަޝީދެވެ. މޫސަ ހުންނެވީ ރައީސް ސާލިހުގެ ފަޅީގައެވެ.