ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި، ޓެކްސީި ޚިދުމަތުގައި މަސައްކަތްކުރާ މީހުންނަށް ތަމްރީނު ޕްރޮގްރާމް ފަށައިފިއެވެ. މިއީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމާއި ތާޒާކުރުމުށް ހިންގި ޕްރޮގްރާމެކެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ މި އަހަަރު ބޭއްވި ފުރަތަމަ ޕްރޮގްރާމެވެ.
މިގޮތުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، މަގުމަތީގެ އަދަބުތަކުގެ އިތުރުން ޓެކްސީ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއެކު އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރުންވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި، ޓެކްސީ ޚިދުމަތަށް އަލަށް ގުޅޭ 212 މީހުން އަދި މިހާރުވެސް ޓެކްސީ ޚިދުމަތުގައި ތިބި ނުވަދިހަ މީހަކު ބައިވެރިވެފައިވެއެވެ. މި ތަމްރީނު ޕްރޮގްރާމުގެ މުއްދަކީ މިއަދުން ފެށިގެން ހަފްތާއެކެވެ.
ފުލުހުން ވިދާޅުވީ ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެއްކަމަށްވެސް އެފަރާރުން ވިދާޅުވިއެވެ.