ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަކީލުންނަށް ބިރުދެއްކުމުގެ ގޮތުން ބާކައުންސިލުން ދަނީ ދެ ވަކީލެއްގެ މައްސަލަ ބަލަން ތައްޔާރުވަމުން ކަމަށް އެ ކޯލިޝަނުންބުނެފިއެވެ.
ބާކައުންސިލުން ބަލަން ތައްޔާރުވަމުން ގެންދަނީ ލޯޔަރ އާދަމް އާސިފް އާއި ލޯޔަރ މުހައްމަދު ރާޣީބް އަހުމަދު ގެ މައްސަލައެއް ކަމަށް ވެސް ކޯލިޝަނުން ބުނެފައިވެއެވެ. އާސިފް ގެ މައްސަލަ ބަލަނީ ސީދާ ކްރިމިނަލް ކޯޓުގެ އެންގެވުމަށް ކަމަށް ބުނެފައިވެއެވެ. ރާޣިބް ގެ މައްސަލަ ބަލަނީ އެޓަނީޖެނެރަލްގެ އިސްނެގުމުގެ މަތިން ކަމަށް ވެސް ބުނެފައިވެއެވެ.
އެ ކޯލިޝަނުން ބުނެފައިވަނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުން ރައްޔިތުން މަޙްރޫމް ކޮށް، ގޮށްމުށުގެ ބާރުން ވެރިކަން ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ނުރުހުންތެރިކަމާއެކު ކުށްވެރިކުރާ ކަމަށެވެ. ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި ވެރިކަން ކުރުމަށް ވެސް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށް ބުނެފައިވެއެވެ.
އެ ކޯލިޝަނުން ބުނެފައިވަނީ ޤާނޫނު އަސާސީގެ، 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދެވޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމާއި، 53 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިދެއްގައި ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ. ހަމަ އެހެންމެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާއިން ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ވެސް ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ހެދިފަހުރި ޤާނޫނު ތަކާއި ޚިލާފް ނުވާނެ ގޮތުގެ މަތިން ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އެކޯލިޝަންގެ ލީގަލްޓީމަށް ވެސް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ. އެގޮތަށް ފާޅުކުރަމުންދާ ޚިޔާލުތަކަށް އެފަރާތް ކުށްވެރިކުރަން "ސަރުކާރާ ގުޅިގެން ބާކައުންސިލުން ކުރަމުންދާ މަސައްކަތަކީ ޣައިރު ދުސްތޫރީ މައްސަލަ ތަކެއްކަމަށްވާތީ އެމަސައްކަތް ކުށްވެރިކޮށް އެމަސައްކަތް މިހާރުން މިމިހާރަށް ހުއްޓަލުމަށް މިކޯލިޝަންއިން ގޮވާލަމެވެ."