ރައީސް އިބްރާހިމް މުހައްމަދު ސާލިހް، ރާއްޖޭގެ ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް ތިންވަނަ ދައުރެއް ބޭނުންވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައީސް ސާލިހް ރޭ ހޫނު ރައްދުތަކެއް ދެއްވައިފިއެވެ.

ރައީސް ސާލިހް ނަޝީދަށް ހޫނު ރައްދުތަކެއް ދެއްވީ މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީއަށް ކެމްޕެއިން ކުރެއްވުމަށް ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިނު ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހް ވިދާޅުވީ ގާނޫނު އަސާސީ އާއި މިރާއްޖޭގައި ވެރިކަން ހިންގާ ނިޒާމް ބަދަލު ކޮށްގެންވިޔަސް ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނީ ކޮންބޭފުޅެއްކަން ރާއްޖޭގެ އެންމެންވެސް ދަންނަ ކަމަށެވެ. "ވެރިކަން، ވެރިކަން ނޫން އެއްޗެއް. ވެރިކަމުގެ ނިޒާމް ބަދަލު ކޮށްގެން ވިޔަސް، ގާނޫނު އަސާސީ ބަދަލު ކޮށްގެންވިޔަސް ވެރިކަމަށް އަންނަން އުޅެނީ ކާކުކަން އެނގޭނެ" ނަޝީދުގެ ނަން ވިދާޅުނުވެ، އެކަމަކު ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް ސާލިހް ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ ދެދައުރަށްވުރެ ގިނަ ދައުރު ވެރިކަން ކުރުމުގެ ވިސްނުން އެމަނިކުފާނުގެ ނެތް ކަމަށާއި ބަރުލަމާނީ ނިޒާމެއްގެ ތެރެއިންވެސް ވެރިކަން ހޯދުމަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނަނީ އެކަކަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް އަދާކުރެވޭނީ ގިނަވެގެން 5 އަހަރުގެ ދެދައުރުގައި ކަމަށެވެ.

"އަޅުގަނޑު ނެތިން ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރާކަށް. އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހެއް. ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާނަމަ، ރިޔާސީ އިންތިހާބެއްގައި ވާދަކުރާކަށް ނުހުރީސް" ރައީސް ސާލިހް ވިދާޅުވިއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު ވަނީ މިފަސްއަހަރު ތެރޭގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. އެކަމަކު ރައީސް ސާލިހް އެކަމަށް ހުރަސް އެޅުއްވުމުން ނަޝީދަށް އެކަން ނުކުރެއްވުނީއެވެ.

ރާއްޖޭގެ ވެރިކަން ރައީސް ސާލިހަށް ހޯއްދަވައި ދެއްވީ ނަޝީދުކަމަށް އިއްޔެ ބ.ހިތާދޫގައި ވާހަކަދައްކަވަމުން ނަޝީދު ދެއްކެވި ވާހަކަފުޅަށްވެސް ރައީސް ސާލިހް ވަނީ ރައްދު ދެއްވާފައެވެ. "ވެރިކަން ދިނީ ތިންމާނާއޭ. ވެރިކަމުން ބާލާނީވެސް ތިމަންނާއޭ، ވަރަށް ފުންކޮށް ވިސްނާލަންޖެހޭ. ކާކަށްތޯ އެހެން މީހަކަށް ވެރިކަން ދެވޭނީ. އަޅުގަނޑު ހިތުން އަޅުންނަށް އޮންނާނީ މަސައްކަތް ކުރުން. ވެރިކަން ދެއްވާނީ ﷲ" ރައީސް ސާލިހް ވިދާޅުވިއެވެ.

ޕްރައިމަރީ ކެމްޕެއިނުގައި ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރައީސް ސާލިހާއެކު ނިކުމެ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެމަނިކުފާނު ޕްރައިމަރީ ޓިކެޓް ހޯއްދެވުމަށް ނިކުންނެވީ އެސަބަބާ ހުރެ ކަމަށެވެ. އަދި ރައީސް ސާލިހް ވެރިކަމުން ބާލާނީވެސް އެމަނިކުފާނު ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ.