ޕެނަލްޓީ ޖަހައިގެން ވެލެންސިޔާ 3-4 އިން ބަލިކޮށް ސްޕެނިޝް ސްޕަރ ކަޕުގެ ފައިނަލުން އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ޖާގަ ހޯދައިފިއެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ފަހްދު އިންޓަނޭޝަން ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ފުރިހަމަ ވަގުތާއި ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފްވެސް ހަމަވިއިރު ދެޓީމު 1-1 އިން އެއްވަރުވެފައި އޮތުމުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން 38 ވަނަ މިނެޓުގައި ކާމިޔާބުކޮށް ރެއާލްއަށް ލީޑް ނަގައިދިނީ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއެވެ. މިއީ އޭރިޔާގެ ތެރެއިން ބެންޒެމާއަށް ފައުލް ކުރި ކަމަށް ބަލައި ދިން ޕެނަލްޓީއެކެވެ. މިއީ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ވެލެންސިޔާގެ ކޯޗް ގެއްނާރޯ ގުޓޫސޯ ވަރަށް ބޮޑަށް ޝަކުވާ ކުރިއެވެ. ވެލެންސިޔާއަށް އެއްވަރު ކޮށްދިނީ ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި ބްރެޒިލްގެ ޒުވާން ވިންގަރ ސެމިއުލް ލިނޯއެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ވެލެންސިޔާގެ އެރޭ ކޮމާޓް ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑިމަތިން ބޭރަށެވެ. އަދި އިތުބާރު ޑިފެންޑަރު ހޯސޭ ގަޔާ ޖެހި ޕެނަލްޓީ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ދިފާއު ކުރީއެވެ. ރެއާލްއިން ފޮނުވާލީ ހަތަރު ޕެނަލްޓީވެސް އެޓީމުން ކާމިޔާބު ކުރިއެވެ.

ސްޕެނިޝް ސްޕަރ ކަޕް ސެމީގެ ދެވަނަ މެޗުގައި މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ބައްދަލު ކުރާނީ މިމުބާރާތުގެ އެންމެ ކާމިޔާބު ކްލަބު ބާސެލޯނާ އާއި ރެއާލް ބެޓިސްއެވެ. ބާސާ މޮޅުވެއްޖެނަމަ، އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް ވެގެންދާނީ އެލްކްލެސިކޯ ފައިނަލަކަށެވެ.