އަޖާއިބު ކުރަނިވި ބައެއް ވާހަކަތަކަކީ، އިންޑިއާ ނޫން ތަނަކުން ލިބެން ހުންނަ ވާހަކަތަކެއް ނޫނެވެ. އަލްފުލައިލާ ވަ ލައިލާގެ ވާހަކަވެސް އިންޑިއާއިން އައިސްފައި ވަނީ އެހެންވެ ކަންނޭނގެއެވެ. ދަތި ހާލުގައިވެސް އެހެން މީހުންނަށް އެހީވާ އެތައް ބަޔަކު އިންޑިއާއިން ފެނުމަކީ ހައިރާންވާ ފަދަ ކަމެއް ނޫނެވެ. މިއީވެސ ްއެފަދަ ވާހަކައެކެވެ.

އޮޑިޝާގެ ބެހްރާމްޕޫރަށް ނިސްބަތްވާ ޗް ނަގޭޝް ޕެޓްރޯ 31އ އަކީ އަމިއްލަ ހާލާއިގެން އުޅެ ބުރަ ކޮށް މަސައްކަތް ކޮށް އެހެން މީހުންނަށްވެސް އެހީވާ މީހެކެވެ.

ޕެޓްރޯ ދުވަހުގެ ފުރަތަމަ ބައި ހޭދަކުރަނީ ޕްރައިވެޓް ޔުނިވާސިޓީއެއްގައި ގެސްޓް ޕްރޮފެސަރެއްގެ ގޮތުގައި ކުދިންނަށް ކިޔައިވައި ދޭށެވެ. އަދި ދުވަހުގެ ދެވަނަ ބައި ހޭދަކުރަނީ ފަގީރު ކިޔަވާ ކުދިންނަށް ހިލޭސާބަހަށް ޓިއުޝަން ދިނުމަށް އޭނާ ހިންގާ ޓިއުޝަން ކިލާހެއްގައެވެ.

ރޭގަނޑުގެ ހުސްވަގުތުތަކުގައި އޭނާ މަސައްކަތް ކުރަނީ ބެރްހާމްޕޫރު ރޭލު ސްޓޭޝަންގައި ކުލީއެއްގެ ގޮތުގައެވެ.

ގެސްޓް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރުމުން ޕެޓްރޯއަށް މަހަކު ލިބޭ އަށް ހާސް ރުޕީސްއަކީ އޭނާގެ މައިންބަފައިންގެ ޚަރަދާއި ގޭގެ ޚަރަދު ހަމަޖައްސާ ފައިސާއެވެ. އޭނާގެ ބައްޕައަކީ ބަކަރި ގެންގުޅޭ މީހެކެވެ. ލިބޭ އާމްދަނީން ނުފުދުމުން ދިރިއުޅުމަށް އުދަގޫތަކެއް ކުރިމަތި ވެފައިވެއެވެ. އެހެންވެ 2006ގައި ޕެޓްރޯއަށް ޖެހުނީ ކިޔެވުން ދޫކޮށްލާށެވެ.

އޭގެ ފަހުން އޭނާ އަޒުމުކަނޑައެޅީ ވީހާވެސް ގިނަ ފަގީރު ކުދިންނަށް އޭނާގެ އިލްމުން ފައިދާ ކޮށްދޭށެވެ. އޭނާއަށް ދިމާވި ހާލު އެހެން ކުދިންނަށް ޖެހެން އޭނާ ބޭނުމެއް ނުވިއެވެ.

ކުލީއެއްގެ ގޮތުގައި ރޭގަނޑު ރެއިލްވޭ ސްޓޭޝަންގައި މަސައްކަތް ކުރިނަމަވެސް ފެޓްރޯވަނީ ފުރަތަމަ ޑިގްރީއާއި މާސްޓާޒްވެސް ފުރިހަމަ ކޮށްފައެވެ. އޭނާ ގްރެޖުއޭޓްވީ ބެރުހާމްޕޫރު ޔުނިވާސިޓީންނެވެ.

ޕެޓްރޯ ރޭލްވޭ ސްޓޭޝަންގައި މަސައްކަތް ކުރަނީ އޭނާގެ ހުވަފެނެއް ޙާސިލުކުރުމަށެވެ. އޭނާ ބޭނުން ވަނީ ރޭލްވޭގެ މުވައްޒަފުން ނެގުމަށް ބާއްވާ އިމްތިހާނުން ފާސްވެ، ސީ ކެޓަގަރީގެ މުވައްޒަފެއްގެ ވަޒީފާ ހޯދާށެވެ.

ނޫސް އެޖެންސީ އޭއެންއައި އިން ޓްވިޓާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޕެޓްރޯ ކޮންމެ ދުވަހަކު ރޭލު ސްޓޭޝަންގައި ޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް ފަގީރު ކުދިންނަށް ކިޔަވައި ދިނުމުގައި އޭނާއަށް އެއްވެސް ހުރަހެއް ކުރިމައްޗެއް ނުވެއެވެ.