ސަރުކާރުން 70.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގއ.ދާންދޫގައި ތަރައްޤީ ކުރަމުން އަންނަ ބަނދަރު މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތަކާއި، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާ އަދި ރޭމްޕް ހަރުކުރުމުގެ މަސައްކަތްތައް ނިމިއްޖެ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެކުންފުނީން ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ބޭރުތޮށިލުމުގެ މަސައްކަތްތައް ކަމަށެވެ. އެމަސައްކަތަކުގެވެސް 55 ޕަސެންޓް ވަނީ މިހާރު ނިންމާލެވިފައި ކަމަށްވެސް އެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން:

  • 52،099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުން
  • 4953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން
  • 333 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން
  • 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 529 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • 1203 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.