ފްރާންސްގެ މަޝްހޫރު ފަލަކީ އިލްމުވެރިޔާ، މިޝެލް ޑި ނޮސްޓްރެޑޭމް، އާންމުކޮށް ކިޔާ ނަމުން ނަމަ، ނޮސްޓްރަޑަމަސް އަކީ މީގެ 450 އަހަރަށް ވުރެ ގިނަ އަހަރު ކުރިން އޭނާ ޝާއިއުކުރި ލެ ޕްރޮފެޓީ ކިޔާ ކުރިމަގުގެ ލަފާތަކެއްގެ މައްޗަށް ފޮތެއް ލިޔެ ތައްޔާރު ކުރުމުން މަޝްހޫރުކަން ހޯދި މީހެކެވެ. އޭނާގެ ފޮތުން ތަންތަންކޮޅު މީޑިއާގައި ޝައުގުވެރި ކުރަނިވި ގޮތްގޮތަށް ގެނަސްދީ އޭނާގެ ލިޔުންތައް މިހާރަށް ސާބިތުވާކަމަށްވެސް ބުނެ އުޅެއެވެ.

ދެވަނަ ބޮޑު ހަނގުރާމައާއި، ހިޓްލަރު ވެރިކަމަށް އައުމާއި، ފަރންސޭސި އިންގިލާބާ ބެހޭ ގޮތުންވެސް އޭނާ ލަފާތަކެއް ކުރިކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ހަމައެފަދައިން، އެމެރިކާގެ 35 ވަނަ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލުމާއި، އަދި ސެޕްޓެމްބަރު 11 ވަނަ ދުވަހު ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާތައް ވެސް އޭނާ ލަފާ ކުރިކަމަށް ބުނެއުޅެތެވެ.

އޭނާގެ ލަފާތަކުގައި އެކަމެއް ހިނގާނެ ވަކި ތާރީހެއް ގުޅުވާފައެއް ނުވެއެވެ. އެހެންވެ، އެކަމެއް ހިނގައި ދާފަހުން، އެހެންވެސް ބުނެފައި ވޭ ނޫންހޭ، ކިޔައި ސާބިތު ކޮށްދެވެއެވެ. މީޑިއާ ރިޕޯޓްތައް އެއްކޮށްލުމުން، 2023 ވަނަ އަހަރު ހިނގާނެ ކަމަށް ލަފާ ކުރާ ކަންތައްތަކެއް ދުރާލައި މީހުން ވަނީ ނޮސްޓްރަޑަމަސްގެ ފޮތުން ހޮވާލާފައެވެ.

ގަބޫލު ނުކުރި ކަމުގައި ވިއަސް، މިފަދަ ވާހަކަތައް ލިޔުމަކީވެސް ރަނގަޅު ވިޔަފާރިއަކަށް ވާތީ، އެއިން ބައެއް ކަންކަން ނަކަލު ކޮށްފައި މިވަނީއެވެ.

ކެނިބަލިޒަމް އަށް މަގުފަހިވެދާނެ ނާކާމިޔާބު އިގްތިސާދެއް

ނޮސްޓްރަޑަމަސް ލަފާކުރާ ގޮތުގައި ބޮޑު ތަދުމަޑުކަމެއް ކުރިމަތިވާނެއެވެ. އޭގެ ސަބަބުން އިންސާނުން އެކަކު އަނެކެއްގެ މަސްކާން ދިމާ ކުރާނެއެވެ.

"ކަންކަން ކިޔައި ދޭން ފާދިރީންނެއް ދަންނާނުންނެއް ނު ތިބޭނެ. އެބޮޓްސް، މޮންކްސް، ނޮވިސްސް އެއް ނެތް ކިޔަވައިދޭން. މާމުއިގެ އަގުވެސް އުއްބައްތީގެ އުތަށް ވުރެން ބޮޑުވެގެން ދާނެ. ގޮދަނުގެ އަގު އުޅޭނީ ވަރަށް މަތީގައި. މާޔޫސްވެގެން މީހުން މިނިމަސް ކާން ދިމާކުރާނެ" ކަމަށެވެ. އުންމީދުވެރި ގޮތަކަށް ބަލައިފިނަމަ މިނިމަސް ކެއުން އެއީ މަޖާޒީ އިޝާރާތަކަށް ވެދާނެއެވެ.

2023 ވަނަ އަހަރުގެ ބޮޑު ހަނގުރާމަ

ބޮޑު ހަނގުރާމައެއްގެ ވާހަކަ މި އިބާރާތުން ކިޔެފައި ވެއެވެ. "ހަތް މަސް ދުވަހުގެ ބޮޑު ހަނގުރާމައެއް ހިނގާނެ، ނުބައިކަމުގެ ސަބަބުން މީހުން މަރުވި ނަމަވެސް ރަސްގެފާނަށް އެމީހުންގެ އަލި ފަނޑުކޮށެއް ނުލެވޭނެ" ކަމަށެވެ.

މިއީ ރަޝިޔާއާއި ޔޫކްރޭނާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކޮށް، ތިންވަނަ ބޮޑު ހަނގުރާމައަށް ބަދަލުވުމުގެ ނުރައްކާ އޮތް މައްސަލައަށް އިޝާރާތް ކުރާ ވާހަކަ ކަމަށް ވެދާނެއެވެ. މިހާރު ހަނގުރާމަ ހަތް މަސް ފަހަނައަޅައި ގޮސް އެއް އަހަރާ ގާތްވެފައިވާތީ މި ވާހަކަ މާނަކުރުމާ ގުޅޭ ގޮތުން ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.

އިނގިރޭސި ޖަޒީރާތަކަށް ބަދަލު އައުން

އޭނާގެ ފޮތާ ގުޅުން ހުރި ކަމަށް މީހުން ބުނާ އެންމެ ފަހުގެ މުހިންމު ހާދިސާއަކީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމެވެ. "އެމީހުން އޭނާގެ ވަރިއަށް ނުރުހުމުން، އޭނާއަކީ ނާގާބިލު ކަމަށް މީހުން ބެލިއެވެ. ރައްޔިތުން ގަދަކަމުން ޖަޒީރާތަކުގެ ރަސްގެފާނު ވެރިކަމުން ބޭރުކޮށްލާނެއެވެ. އޭނާގެ ބަދަލުގައި ދުވަހަކުވެސް ރަސްގެފާނަކަށް ވާނެ ކަމަށް ހީނުކުރާ މީހަކު އެވެރިން ރަސްކަމަށް އިސްކުރާނެއެވެ."

ބައެއް މީހުން ދެކޭގޮތުގައި މި ވާހަކައަކީ ޗާލްސް ތިންވަނަ ރަސްގެފާނާއި، އަމީރާ ޑަޔާނާގެ މަޝްހޫރު ވަރިއަށް އިޝާރާތްކުރާ ވާހަކައެކެވެ. އެ ވާހަކަ ގަބޫލުކުރާ މީހުން ދެކޭ ގޮތުގައި، ކުރިއަށް އޮތް އަހަރު ރަސްގެފާނު ރަސްކަން ދޫކުރައްވާނެއެވެ.

"ދުވަހަކުވެސް ރަސްގެފާނަކަށް ވާނެ ކަމަށް އުންމީދު ނުކުރާ" މީހަކަށް އިޝާރާތް ކުރުމުން ބައެއް މީހުންގެ ލަފައަކީ، ވިލިއަމްގެ ބަދަލުގައި، ޕްރިންސް ހެރީ ރަސްކަމަށް އަންނާނެ ވާހަކަ ކަމަށެވެ.

ދުރުގައި އޮތް ޕްލެނެޓަކީ އެލޮން މާސްކް އަށް ކާރިސާއެއް

ފަލަކީ އިލްމުވެރިޔާ އޭނާގެ ފޮތުގައި ލަފާކޮށްފައިވާ ގޮތުގައި މާސް އިސްތިއުމާރު ކުރުމަށް އިންސާނުން ކުރާ މަސައްކަތުގައި އެލޮން މަސްކްގެ ސްޕޭސްއެކްސް އިން ކުރާ މަސައްކަތް 2023 ވަނަ އަހަރު ނިމުމަކަށް އަތުވެދާނެ އެވެ.

ނަބިއްޔާ ލިޔުއްވާފައިވަނީ: "މާސްގެ އަލިކަން ފަނޑުވާ ހިނދު އުޑުގައި އަލިފާން ރޯވާނެ،" ވާހަކައަކީ މަސްކު ބުނާ ގޮތަށް ރަތް ޕްލެނެޓަށް ވާސިލްވާ ފުރަތަމަ އިންސާނުންނަށް ބިރުވެރި ކަމެއް ދިމާވާނެ ވާހަކަކަމަށް ލަފާ ކުރެވެއެވެ.

ހަނަފަސް ބިންތައް އިތުރަށް ހަނަފަސްވެ، ފެންބޮޑުވުމާ ކުރިމަތިލުން

ދުނިޔެއަށް 2023 ވަނަ އަހަރު އިތުރު މޫސުމީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. މިއީ މިހާރުގެ ހާލަތަށް ބަލާއިރު އައު ވާހަކައެއް ނޫނެވެ.

މަގުމަތީގެ ހަމަނުޖެހުންތަކާއި ބަދަލު ހިފުން

އޭނާގެ ފޮތުގައި ލިޔެފައިވަނީ "އެސާހިތަކުން ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ބިރުވެރިކަމާއި ބިރުވެރި ބަދަލު ހިފުންތައް އާންމު ވެގެން ދާނެއެވެ."

މި ލަފައަކީ ކުރިއަށް އޮތް މަސްތަކުގައި އިޖުތިމާއީ ހަމަނުޖެހުންތަކާއި ބަޣާވާތްތައް އިތުރުވާނެ ކަމުގެ އިޝާރާތެކެވެ. އޭނާ ލިޔެފައި ވަނީ "ތާޅަފިލިތައް ބާރަށް ފުމެމުން ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފައްދަމުން ގެންދާނެއެވެ." އަދި "ފުނޑުފުނޑުވެފައިވާ އެއްބަސްވުމެކެވެ." މާނައަކީ އޮސްލޯ މުއާހަދާތަކާއި އިޒްރޭލުން ޚިލާފުމުން ބޮޑު ހަމަނުޖެހުމެއް އެހިސާބަށް އަންނަ ވާހަކަ ބާވައެވެ؟

ގުޅުން ހުރި ލިޔުން:

އިޒްރޭލުގެ ދައުލަތް ވުޖޫދުގައި ދެމި އޮންނާނީ ކިތައް އަހަރަށްބާ؟

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުގެ އުދުވާނުގެ ނަތީޖާ ބާވައެވެ؟ ޔަހޫދީންގެ ތާރީޚުގައި އެއްވެސް ޔަހޫދީ ވެރިކަމެއް 80 އަހަރަށް ވުރެން ގިނަ ދުވަހަށް ދެމިގެން ގޮސްފައެއް ނުވެއެވެ.

ނޮސްޓްރަޑަމަސް ލަފާ ކުރި އެއްވެސް ކަމެއް ދިމާވި ތަ؟

ނޮސްޓްރަޑަމަސް ލަފާ ކުރި 1666 ވަނަ އަހަރު ލަންޑަންގައ ހިނގި ބޮޑު އަލިފާނުގެ ވާހަކަ ލަފާ ކުރި ކަމަށް މީހުން ގަބޫލުކުރެއެވެ.

1930 ގެ އަހަރުތަކުގައި ޖަރުމަނުގައި އެޑޮލްފް ހިޓްލަރ ވެރިކަމަށް އައުމާއި އޭގެ ފަހުން ހިނގި ހޮލޮކޯސްޓް އަށް އޭނާ އިޝާރާތްކުރިއެވެ. "ޔޫރަޕްގެ ހުޅަނގުގެ މެދުން ނިކަމެތި އާއިލާއަކަށް ކުއްޖަކު އުފަންވާނެއެވެ. އެނާގެ ބަސްމަގުން ބޮޑު ލަޝްކަރެއް އެއްކުރާނެއެވެ. އިރުމައްޗާ ހަމައަށް އޭނާގެ މަޝްހުރު ކަން ފެތުރޭނެއެވެ."

އިތުރަށް ލިޔެފައި ވަނީ "ބަނޑުހައިހޫނުކަމާއެކު އެ ޖަނަވާރުތައް ކޯރު ހުރަސް ކުރާނެއެވެ. ހަނގުރާމައިގެ މައިދާންތައް ނިކުންނާނީ ހިސްޓާއާ ދެކޮޅަށެވެ. (ހިސްޓާ އަކީ ލެޓިން ބަހުން ޑެނޫބް ކޯރެވެ.) ދަގަނޑުކޮށްޓެއްގެ ތެރެއަށް އެ ބޮޑު މީހާ ދަމައި ގަންނާނެއެވެ. ޖަރުމަނު ސޮރަށް އެއްވެސް ކަމެއް ރޭކާއެއް ނުލާނެއެވެ." ހިޓްލަރަކީ ޑެނޫބް ކޯރު ހުރަސްކޮށް ލަޝްކަރު ތައް ފޮނުވައި އޭނާގެ ވާހަކައިން ގިނަ ބައެއްގެ ސަޕޯޓް ހޯދި މީހެކެވެ.

ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހަމަލާތައްވެސް ނޮސްޓްރަޑަމަސް ލަފާ ކުރިކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. "ދުނިޔޭގެ މެދުން ބިންގަނޑު ހެލެން ފަށާނެއެވެ. ނިއު ސިޓީގައި ގުގުމާނެއެވެ. ދެ ގޮއްވާލުމުގެ ސަބަބުން ދިގު މުއްދަތަކަށް ހަނގުރާމަ ހިނގާނެއެވެ." އޭނާ ލިޔުނު މި ވާހަކައަކީ 11 ސެޕްޓެމްބަރު ކަމަށް ބުނެއެވެ؟