އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ތަކުގައި ދައުލަތުގެ ވަސީލަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބޭނުންފުޅު ނުކުރައްވާނޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާންް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ރައީސް ބޭނުންފުޅު ކުރައްވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަނީ ހަގީގަތެއް ނެތްވާހަކަތަކެއް ކަމަށެވެ.

ރައީސް ކެމްޕޭނަށް ކުރައްވާ ދަތުރުފުޅުތަކަށް ޚަރަދުކުރައްވަނީ ސީދާ ކެމްޕެއިން އޮފީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސް އެންމެފަހުން ރ. އަތޮޅަށާއި ބ. އަތޮޅަށާއި އުތުރުގެ ބައެއް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކަށް ވެސް ޚަރަދު ކުރެއްވީ ސީދާ ކެމްޕެއިން އޮފީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް ކެމްޕޭން ކުރެއްވިއްޔަސް އެއީ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމާ އެމަނިކުފާނުގެ ސެކިޔުރިޓީން ވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ ސަޕޯޓު ޕެކޭޖު ދާނެ،" މިއުވާން ވިދާޅުވިއެވެ.

މިއީ ޤާނޫނުން މަނާކުރާ ކަމެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ކޮންމެތަނެއްގައި ހުންނެވި ކަމަށްވިޔަސް ރައީސްގެ ފަސް އަހަރުގެ މުއްދަތުގައި އެމަނިކުފާނަށް ސެކިޔުރިޓީ އޮންނާނެއެވެ. އެއީ އެކަން އޮންނަގޮތް ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ. "އެމަނިކުފާނުގެ (ރައީސް) ކެމްޕޭން ހަރަކާތަކަށް ދައުލަތުގެ ވަސީލަތެއް ބޭނުން ނުކުރައްވާނެ. ދައުލަތުން އެއްވެސް ޚަރަދެއް ވެސް ނުކުރައްވާނެ،" އޭނާ ވިދާޅުވިއެވެ. އައްޑުއަށް ކުރައްވާ ދަތުރުފުޅަށް ވެސް ޚަރަދުކުރައްވާނީ ކެމްޕެއިން އޮފީހުން ކަމަށް މިއުވާން ވިދާޅުވިއެވެ.