ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ހުކުމް ބާތިލް ކުރުމަށް ގޮވާލައި މިރޭ ވެސް މާލޭގައި މުޒާހަރާ ކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާކޮށް ބާއްވާ މި މުޒާހަރާގައި މިރޭ ވެސް ގޮވާލައިފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ "ހަރާމް ހުކުމެއް" ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ދޫކޮށްލުމަށްފަހު އިންސާފު ގާއިމް ކޮށްދިނުމަށް މި މުޒާހަރާގެ ބައިވެރީންވަނީ ސަރުކާރަށް ގޮވާލައިފިއެވެ. އަދި ޔާމީން މިނިވަން ކުރުމަށް ގޮވަލާ މުޒަހާރާގައި ބައިވެރިވުމަށް ރައްޔިތުން ނުކުތުމަށް ވެސް މިރޭ ވަނީ ގޮވާލައިފިއެވެ.

މި ކޯލިޝަނުން މިހާރުވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ވެސް ފަށައިފައެވެ. އޭގެ އިތުރުން ކަމާބެހޭ ރާއްޖޭގެ ފަރާތްތަކާ ބައްދަލުކޮށް އެ ކޯލިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.