ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ފުލުހުންގެ ޚިދުމަތް ދެވޭނީ، ކޮންމެ މުޖުތަމަޢެއްގައި ވެސް ހުރި، އެ ބަޔަކު އެންމެ ކަންބޮޑުވާ ކަންކަން ޙައްލުކުރުމަށް އަމާޒު ހިފައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 34 ވަނަ އިނީޝިއަލް ޓްރޭނިން ކޯސް ނިންމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފުލުހުންގެ ޚިދުމަތުން ތައާރަފް ކޮށްފައިވާ އަވަށްޓެރި ފުލުހުންގެ ނިޒާމުގެ ބޭނުމަކީވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ނިޒާމުގެ ސަބަބުން އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތު ތަންފީޒު ކުރުމަށް ފަސޭހަވެގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ފުލުހުންގެ މަސައްކަތަކީ ކޮންމެ ދުވަސްވަރެއްގައި ވެސް، އެއިރެއްގެ ޙާލަތަށް ބަލާއިރު، ގޮންޖެހުން ގިނަ އަދި ބުރަ މަސައްކަތެއް. މީގެ އެތައް އަހަރެއް ކުރިން ފެށިގެން، މިއަދާ ހަމައަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ. ގޮންޖެހުންތައް ކިތަންމެ ގިނަޔަސް، މަސްތުވާތަކެތީގެ ވިޔަފާރި އާއި، އެ ތަކެތި އެތެރެކުރުން ހުއްޓުވުމަށް، ފުލުހުންނާއި ތަންފީޒީ އިދާރާތަކުން މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ،" ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ ވެސް ފުލުހުންގެ ޚިދުމަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެފަދަ މައްސަލަތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުވަމުންދާ ވަރަކަށް، އެފަދަ މައްސަލަތައް ސިއްރުނުކޮށް ރިޕޯޓްކުރާ ޢަދަދު އަންނަނީ އިތުރުވަމުން ކަމަށް ވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން، އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ މީހުންނާއި ކުދިންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް މަގު ފަހިވެގެންދާ ކަމަށް ވިދާޅުވިއެވެ.

ދިވެހި މުޖުތަމައުގައި މިއަދު އޮތް އެންމެބޮޑު ނުރައްކާތެރި އެއްކަމަކީ ހަރުކަށި ފިކުރުގެ މައްސަލަ ކަމަށެވެ. ހަރުކަށި ފިކުރުގައި ޖެހުމުން، އެމީހާގެ ވިސްނުން ގޮސް ހުއްޓެނީ ޓެރަރިޒަމްގެ އަނގޮޅިއަށް ކަމަށާއި، އެ ވިސްނުމުގައި ތިބެގެން ނުރައްކާތެރި ބޮޑެތި ޖަރީމާތައް ހިންގުމުގެ ކުރިއަށް، ފުލުހުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅަކީ، ރައްޔިތުންނަށް ލިބޭ އިތުބާރާއި ޔަޤީންކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ދެންނެވި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ގާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި. އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގާބިލްކަން ވެސް އެބަހުރި. އެކަން ދިވެހި ފުލުހުން އަންނަނީ ސާބިތުކޮށްދެމުން،" ރައީސް ވިދާޅުވިއެވެ.