ދިވެހި ފުލުހުންނަކީ މުޖުތަމަޢުގެ އެއްބައި ކަމަށާއި، އެމީހުންނާ މެދު ރައްޔިތުން ކުރާ ވަރަށް ފޮނި އުންމީދުތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 34 ވަނަ އިނީޝިއަލް ޓްރޭނިން ކޯސް ނިންމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުލުހުންނަކީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ޤާއިމުކޮށްދިނުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ފުލުހުންކަމަށާއި އެކަމަށް ބޭނުންވާ ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުލުހުންނަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބަޔަކަށްވާތީ، ފުލުހުންގެ އެންމެ އިސް ވާޖިބަކީ ރައްޔިތުންގެ އިންސާނީ ޙައްގުތައް ޙިމާޔަތް ކުރުން. ފުލުހުންގެ ކޮންމެ އޮފިސަރަކީވެސް، އެމީހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ރައްޔިތުންގެ އިންސާނީ ޙައްގުތައް ރައްކާތެރިކޮށް ނެގެހެއްޓުމަށް މަސައްކަތްކުރާ ފުލުހަކަށް ވުމަށް އަޅުގަނޑު އެދެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒަމާނީ ތަމްރީނުތަކާއެކު ފުލުހުން ޚިދުމަތަށް ނުކުންނައިރު، އެ ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ފުރިހަމައަށް ހުރުމަކީ ވެސް މުހުންކަމެއް ކަމަށެވެ. ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މުޖުތަމަޢުގައި އުފެދޭ ނުރަނގަޅު އޮއިވަރުތަކުގެ ސަބަބުން، ފުލުހުންނަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތައްވެސް އެހާމެ ގިނަ. އެ ގޮންޖެހުންތައް ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެބަހުރި. އެ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިވެހި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު ދައުރެއް،" ރައީސް ވިދާޅުވިއެވެ.