ފުލުހުންގެ 34 ވަނަ އިނީޝިއަލް ޓްރޭނިން ކޯސް ފުރިހަމަކުރެއްވި ފުލުހުން ސާބިތުކަމާއެކު ޚިދުމަތުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގޮވާލައްވައިފިއެވެ.

ފުލުހުންގެ 34 ވަނަ އިނީޝިއަލް ޓްރޭނިން ކޯސް ނިންމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "ތިޔަ ޒުވާނުން މިއަދު ތިޔަ ގުޅުނު ޚިދުމަތުގައި، ސާބިތުކަމާއި ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު، ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ކަމަށެވެ.

ރައީސް ވަނީ މި ކޯހުން 1 ވަނަ ދަރިވަރަކަށް ހޮވުނު ކޮންސްޓަބަލް މުޙައްމަދު މިސްދާދު މީޝާޤްގެ މަސައްކަތް ފާހަގަ ކުރައްވައި އޭނާއަށް މަރުހަބާ ދަންނަވައިފައެވެ. އެ ކޯހުން ވަނަތައް ހޯދި ދަރިވަރުންގެ ތެރޭގައި، އަންހެނުން ހިމެނުމަކީ އެ މަސައްކަތަށް ލިބުނު އާ އުންމީދެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ "ތަމްރީނުތަކެއް ފުރިހަމަކޮށްގެން ތިޔަ ޒުވާނުން މިއަދު ތިޔަ ނުކުންނަނީ، ވަޒީފާއެއް އަދާކުރުމަށްވުރެ މާމަތިވެރި ވާޖިބުތަކެއް އަދާކުރުމަށް. ދިވެހި ފުލުހުންގެ އެންމެ އިސް ވާޖިބަކީ، ރައްޔިތުން ޙިމާޔަތްކުރުމާއި ރައްޔިތުންނާއި ޤައުމަށް ޚިދުމަތް ކުރުން. އެ ޚިދުމަތުގެ އެންމެ މުހިންމު ޒިންމާއަކީ، ޤައުމެއްގެ ހަމަޖެހުމާއި، އަމަންއަމާންކަމާއި، ޞުލްޙަ މަސަލަސްކަން ދެމެހެއްޓުން،" ކަމަށެވެ.

ފުލުހުންގެ ކިބައިގައި ހުންނަންވާ އަޚުލާގީސިފަތަކާއި ސުލުކީ މިންގަނޑުތައް އެ ތަމްރީން ޕްރޮގްރާމުން ވަރަށްރަނގަޅަށް އޮޅުންފިލުވައިދީފައިވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ކޯހުގައި އުނގަނައިދިން އެއްޗެއްގެ ބޭނުން ހެޔޮގޮތުގައި ހިފައި، ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ވަރަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކީގައި އަދާކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.