ލ.ގަމުގައި "މޫދު ކަސްރަތު" ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެދިލެއްވުމުގެ މަތިން ކުރިއަށްދިޔަ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މިއިީ އެ ކޮމެޓީއާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އިއްޔެ ފެށި މި ޕްރޮގްރާމުގައި ލ.ގަމުގެ ކަސްޓަމް ބީޗް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑާރ ކާނަލް އަޙްމަދު ފާތިޙެވެ. އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 118 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުކުރަންވީ ރަނގަޅުގޮތްތަކާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ކުލާސްތައް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން 6:00 އަށެވެ. ކުލާސްތައް ނަގައިދެއްވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރައްވާ ސިފައިންނާއި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ މުދައްރިބުންނެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި، ލ.ގަން ކައުންސިލް އިދާރާގެ އިސް ބޭފުޅުންނާއި، ލ.ގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސް ބޭފުޅުންނާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރާ އޮފިސަރުންނާއި އޭރިއާ ކޮމާންޑްގެ ސާޖަންޓް މޭޖަރ، ސާޖަންޓް މޭޖަރ އަޙްމަދު މުޖުތަބާގެ އިތުރުން އެ ޕްރޮގްރާމްގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.