ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުގައި ކެމްބޯޑިއާގެ ބޮޑު ވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާ ދެންނެވުމުގެ ޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުން ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާނެކަމަށެވެ. މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެޤައުމުގެ ގުޅުން ހަރުދަނާކުރެވިދާނެ ބައެއް ދާއިރާތަކުން ފަހުމްނާމާތަކުގައި ސޮއެކުރައްވާނެކަމަށާއި ރަސްމީ ވާހަކަފުޅުތަކަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 21 ސެޕްޓެމްބަރު 1995 ގައެވެ.