ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލޭސިޓީ ކައުންސިލުން ބާއްވާ ޤުރްއާން ކިޔެވުމުގެ މުބާރާތާއި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޖެނުއަރީ 20 ގައި ހަމަވާނޭ ކަމަށް އެކަައުންސިލުން ބުނެފިއެވެ. މި ދެމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 26 ގައެވެ.

ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ " މާލޭ ސިޓީ ކައުންސިލް ޤުރުއާން މުބާރާތް 1444 " މި ނަމުގައެވެ. އަދި މަދަޙަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ " މާލޭ ސިޓީ ކައުންސިލް މަދަޙަ މުބާރާތް 1444 " މި ނަމުގައެވެ.

މި މުބާރާތުގެ ރެކޯރޑިން ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ޤުރްއާން މުބާރާތް ފަށަން ތާވަލް ކުރެވިފައިވާ ތާރީޚަކީ 10 ފެބްރުއަރީ 2023 ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ. މަދަޙަ މުބާރާތް ފަށަން ތާވަލް ކުރެވިފައިވާ ތާރީޚަކީ 25 ފެބްރުއަރީ 2023 އެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތާއި ބެހޭ އުސޫލުތަށް މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ.

މީގެ އިތުރަށް އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނޭ ކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވިއއެވެ. މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސްގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު އަނބުރާ 2:00 އަށް ބަލައިގަންނާނެއެވެ.