ހުކުރު ނަމާދުގައި ކިޔާ ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރަން ފަށައިފި ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ވިދާޅުވެއްޖެއެވެ. މިއީ އިސްލާމްދީނަށް ލޯބިޖައްސައި، ދީނީ މަޢުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މަސައްކަތެއްކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިޢުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ޤައުމަކަށްވެފައި، އިސްލާމްދީނުގެ މަޢުލޫމާތު އެފަރާތްތަކަށް ވީހާވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

އެގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެފަހުން ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ކަމަށާއި އިސްލާމީ ދަޢުވަތު ފެތުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތް ކުރިއަށް އޮތްތާނގައިވެސް އިތުރަށް ފުޅާކުރުމުގެ މަސައްކަތް މިދަނީ ކުރަމުންކަމުންވެސް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.