ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި ކެމްބޯޑިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދެވެ.

މިދަތުރުފުޅުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވީ މިހަފްތާގެ އާދީއްތަ ދުވަހުއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާދެންނެވުން އޮތީ ހޯމަދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް މާލޭ އިއްޒުއްދީން ފާލަމުން މަރުޙަބާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރަސްމީ މަރުޙަބާއަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ، ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ. ދެބޭފުޅުންގެ ރަސްމީ މިބައްދަލުކުރެއްވުމުގައި، ކެމްބޯޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އެކިދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ދިވެހިރާއްޖެ އާއި ކެމްބޯޑިއާ އާއި ދެމެދު ބަދަލުކުރެވުނު ހަ އެެއްބަސްވުން ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ، ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ޝަރަފުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ދެއްވި، މެންދުރުގެ ރަސްމީ ފަރިއްކޮޅު އޮތީ ހޯމަ ދުވަހު މެންދުރު އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށީގައެވެ. މިފަރިއްކޮޅުގައި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމިނުފާނުގެ މި ދަތުރުފުޅުގައި ނައިބު ރައީސް ފައިޞަލް ނަޞީމްވެސް ވަނީ އެމަނިކުފާނުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ މެންދުރު ބޭއްވި މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ވަނީ، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިއްމު ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.