ބޯޑަރު އަލުން ހުޅުވާލުމަށްފަހު މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، އޭގެތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 228 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އޮފިސަރު އަލީ ރައްޒާން ވިދާޅުވީ، ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިން އައިސްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 228 ފަތުރުވެރިން ކަމަށެވެ.

"ލަައްކައެއްހާ ފަތުރުވެރިން އައިސްފައިވާއިރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ފަތުރުވެރިންގެ ތެރެއިން މި ރެކޯޑް ކުރެވުނީ 228 ފަތުރުވެރިޔަކު. އެއީ އައި އެރައިވަލްގެ ގާތްގަނޑަކަށް 0.2 އިންސައްތަ،" ރައްޒާން ވިދާޅުވިއެވެ.

އަދި ޕޮޒިޓިވްވި ފަތުރުވެރިޔަކާ ގުޅިގެން ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް، ކޯވިޑްގެ ނުރައްކާ މުޅި ރަށުގައި ނޫނީ ރިސޯޓެއްގައި އޮތުމުގެ ފުރުސަތު އޮތް އެއްވެސް ކޭސްއެއް ފެނިފައި ނުވާކަމަށާއި މިކަން މިގޮތަށް ކުރެވިފައިވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ އެހީއާއި އެކުގައިކަމަށް ރައްޒާން ފާހަގަކުރެއްވިއެވެ.

ރަޒާން ވިދާޅުވީ މާލޭ ސަރަޙައްދުގެ ގެސްޓްހައުސްތައް އަލުން އޮޕަރޭޝަނަށް ގެނެވުމާއެކު ފަތުރުވެރިކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިހާރުވެސް މާލޭ ސަރަޙައްދުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދައަށް އެދި އެސްއޯޕީތައް މިނިސްޓްރީއަށް ލިބިފައިވާކަމަށާއި، ހުއްދައަށް އެދޭ މިންވަރަކުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު އެތަންތަން ހުޅުވުމުގެ ހުއްދަ ދެމުންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.