ދިވެހިރާއްޖެއާއި ކެމްބޯޑިއާއިން ވެސް އިސްކަން ދެނީ ބައިނަލްއަޤުވާމީ ގުޅުންތައް ހަރުދަނާކުރުމާއެކު އަވަށްޓެރިންނާ އެކުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދު ބޭއްވި ރަސްމީ ވާހަކަފުޅުތަކަށްފަހު ރައީސް ދެއްވި ބަޔާނުގައި ވިދާޅުވީ ދޭދޭ ގައުމުތަކާއެކު ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ފައިދާ ދެގައުމަށް ވެސް ލިބެމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ދެގައުމަކީ ވެސް ތަރައްގީވަމުން އަންނަ ދެ ގައުމު ކަމަށެވެ. އެހެންކަމުން ތަރައްގީއަށް ދެގައުމުންކުރާ މަސައްކަތުގައި ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކާއި، އެކަންކަމުން އަރައިގަތުމަށް ބޭނުންކުރާ ސިޔާސަތުތަކާއި ވިސްނުންތަކުގައި ވެސް އެއްގޮތްކަމެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑާއި ކެމްބޯޑިއާގެ ބޮޑުވަޒީރު، ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކޮށް، ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވައިފިން. އެ މަޝްވަރާތަކުގައި އަޅުގަނޑުމެންނަށް ހޯދުނު ކުރިއެރުންތަކާ މެދު އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ،" އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ ގައުމެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ އެންމެ މުހިންމު ބަޔަކީ، އެ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގާއިމުވެފައި އޮންނަ ބަދަހި ގުޅުން ކަމަށެވެ.