ރ. ވާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެއްބަަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. މިނިސް ޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން، 275 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ. މި މަޝްރޫޢަކީ 45.13 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދު ކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަސައްކަތް ނިންމަން ދީފައިވަނީ 300 ދުވަހެވެ.

ވާދޫގެ އާބާދީއަކީ 638 އެވެ. އެރަށަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ހިތްގައިމު ރަށެކެވެ. އެގޮތުން ރަށުގެ އުތުރާއި ދެކުނުގައިވެސް ރީތި ތުނޑިއެއް އޮވެއެވެ. ރަށުގެ ދެކުނު ފަރާތުގައި ބޮޑު ފަޅަކާއި ވިލެއް ވެސް އޮވެއެވެ.

ވާދޫގެ ރައްޔިތުން މައިގަނޑު ގޮތެއްގައި ވަޒީފާ އަދާކުރަނީ ރިސޯޓް ތަކުގައެވެ. ނަމަވެސް ފަރުމަހުގެ މަސްވެރިކަމާއި އަދި ހައިޑްރޮޕޯނިކްސް ދަނޑުވެރިކަންކުރާ މީހުން އެރަށުގައި އުޅެއެވެ. ރާއްޖޭގެ ގިނަ ރަށްރަށް ފަދައިން ވާދޫއަކީވެސް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ.

ރަށްގިރުމުގެ ސަބަބުން 45 ފޫޓަށްވުރެ ބޮޑު ސަރަހައްދެއް މިހާރުވެސް ރަށުގެ އިރުދެކުނުފަރާތުން ވަނީ ގޮސްފައެވެ. މިކަމުގެ ސަބަބުން އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ނެތިގެންގޮސްފައެވެ.

މިއަދު ސޮއެކުރެވިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލެވުމުން، އެ ރަށު ރައްޔިތުންނަށް އިރުދެކުނު ފަރާތުން ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. މިއީ ވާދޫ ރައްޔިތުންގެ އުދާސްތަކަށް ނިމުމެއް ގެނެސޭދޭނޭ މަޝްރޫއެކެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ