މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަހަކު އެއްފަހަރު ކޮވިޑުގެ ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެ ކަމަށް މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކަށް އަމާޒުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ގައިޑްލައިންގައި ބުނެފިއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ މިއަދުން ފެށިގެން ދިނުމަށް ވަނީ ނިންމާފައެވެ. އެ ނިންމުމާއި ގުޅިގެން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން އަމަލު ކުރަން ޖެހޭ ގައިޑްލައިން މިރޭ ވަނީ އާންމުކޮށްފައެވެ.

ގައިޑްލައިންގައި ބުނީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ކޮންމެ މަހަކު އެއްފަހަރު ކޮވިޑަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ އެއްވެސް އަލާމާތެއް ހުރޭތޯ ކޮންމެ ދުވަހަކު ބަލަން ޖެހޭނެ ކަމަށްވެސް ގައިޑްލައިނުގައިވެއެވެ.

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން އަމަލު ކުރަން ޖެހޭ ގައިޑްލައިންގައިވާ ގޮތުން ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ފަތުރުވެރިންގެ އިތުރުން ދިވެހިންނަށްވެސް ތިބެވޭނެ ކަމަށާއި ގެސްޓްހައުސްތަކާއި ހޮޓާތަކަށް އަންނަ ފަތުރުވެރިންނަށް އެހެން ރިސޯޓްތަކާއި ސަފާރީ އަަދި ގެސްޓްހައުސް ހިންގާ ރަށްރަށައްވެސް ދެވޭނެ ކަމަށް ގައިޑްލައިންގައި ވެއެވެ.

ނަމަވެސް މާލޭގައި 48 ގަޑިއިރަށްވުރެ އިތުރަށް މަޑުކޮށްފިނަމަ ރިސޯޓްތަކާއި ސަފާރީ އަަދި ގެސްޓްހައުސް ހިންގާ ރަށްރަށައް ދެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކުގައެވެ. އަދި މާލޭގައި މަޑުކުރުމަށްފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިންވެސް ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ.