ރާއްޖޭގައި އިތުރު 4 އެއާޕޯޓެއް އެޅުމަށް ބޭނުންވާ ފައިސާ މިހާރު ހޯދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ އެއާޕޯޓުތަކަކީ މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، ވިލުފުށީ އެއަރޕޯޓެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ނީލަމަށް ވެސް މިހާރުވަނީ ހުޅުވާލެވިފައި ކަމަށެވެ. ދެން އޮތީ މަސައްކަތް ފެށުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ހޯރަފުށީ އެއާޕޯޓް ނިންމައި ބޭނުންކުރަން ފެށިފައިވާ ކަމަށާއި ފަރެސްމާތޮޑާ އެއާޕޯޓުވެސް އަޅާ ނިމިއްޖެ ކަމަށެވެ. އޭގެއިތުރުން މާފަރު ބައިނަލްއަގްވާމީ އެއަރޕޯޓުގެ އެކްސްޕެންޝަން މަސައްކަތް މޯބިލައިޒް ކުރެވިފައިވާ ކަމަށް ވެސް ރައީސް ވދާޅުވިއެވެ.

ރ. އަތޮޅު ނިމުމުން، ޑޮމެސްޓިކް އެއަރޕޯޓްތަކުން މުޅި ރާއްޖެ، ވައިގެ މަގުން ގުޅާލައި ނިމޭނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "އާރު.ޓީ.އެލް. ޚިދުމަތާއި، ހަނިމާދޫ އެއަރޕޯޓާއި، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާއެކު ފުރިހަމަވާނީ ބިރުންހުރި އިގްތިސާދެއްގެ ފުރިހަމަ މޮޑެލްއެއް. އެއީ، މިދާ މަގުން ގޮސް މަގުމަތި ނުވެ، މާދަމާ މުޅި ރާއްޖެ އޮންނާނެ ގޮތުގެ ނަމޫނާ. މީގެތެރެއިން ބައެއް މަޝްރޫޢުތަކަކީ، އިންޑިއާގެ އެހީތެރިކަމާއެކު ސަރުކާރުން ހިންގާ މަޝްރޫޢުތަކެއް. އެނގިވަޑައިގަންނަވާނެ ފަދައިން، އިންޑިއާއަކީ އެކި ދާއިރާތަކުން ވަރަށްގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެއް،" ރައީސް ވިދާޅުވިއެވެ.