ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ރަޙްމަތްތެރި ކަމުގެ ގުޅުން، ދެ ޤައުމަށްވެސް ފައިދާވާނެހެން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.
އެ ދެބޭފުޅުން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙްގެ އަރިހަށް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ރޭ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައިި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ ހަނިމާދޫ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ ވީ.ވީ.އައި.ޕީ ލައުންޖްގައެވެ.
ގުޅުން އިތުރަށް ބަދިހިކުރަން ނިންމެވީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ސަރަހައްދީ އަދި މަލްޓިލޭޓަރަލް ކޯޕަރޭޝަންގެ އެހެނިހެން ދާއިރާތަކުންނެވެ.
އިންޑިއާއިން ރާއްޖެއަށް ވަމުން ގެންދަވާ މާލީ އެހީތެރި ކަމަށްޓަކައި ރައީސް ސާލިހު ވަނީ އިންޑިއާ ސަރުކާރުކާރަށް ޝުކުރު އަދާކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ގާތް ރަޙްމަތްތެރިކަމުގެ އަސްލަކީ ސަގާފީ އަދި ތާރީޚީ ގުޅުމެއް ކަމަށެވެ. އޭގެ އިތުރުން އެއްބައިވަންތަ އަޚްލާޤެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އިންޑިއާގެ "ނެއިބަރހުޑް ފަސްޓް ޕޮލިސީ"ގެ ދަށުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އިންޑިއާ ފަސްޓް ޕޮލިސީ ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ރައީސް ވަނީ އޭނާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢު ވެގެންދާނީ އެ ސަރަޙައްދުގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާނެ ހަބަކަށްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެޤައުމުން ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގައެވެ.