މިހާރު ރާއްޖޭގައި އޮތް އިއްތިހާދު ސަރުކާރުން އެމްޑީޕީން 2018 ވަނަ އަހަރު ހުށަހެޅިކަންކަން ބަލައި ނުގަންނަ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހާ ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ފިކުރެއްގެ ދިރުން" ހުޅުމާލެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރުއޮތީ އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ ސަރުކާރެއް ނޫންކަމަށެވެ. މިސަރުކާރުން ވަނީ ދަރަނި ދެއްކުމަށްޓަކައި ޓެކްސް ވެސް ބޮޑުކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ޓެކްސް ދެން އަންނަ އެމްޑީޕީ ސަރުކާރަކުން ކުޑަކުރައްވާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ނަގާފައިވާ ދަރަނި ދެއްކުމަށްޓަކައި މިސަރުކާރުން ނިންމެވީ އިތުރަށް ދަރަނިނަންގަވަން ކަމަށެވެ. އެއީ އެމްޑީޕީގެ ސިޔާސަތުތަކާ ކަނޑައެޅިގެން ޚިލާފުކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދަރިނި ދެއްކުމަށް ސަރުކާރުން ޓެކްސް ބޮޑުކުރުމުން އެކަމުގެ ތަކުލީފް ވެސް އުފުލަންޖެހެނީ ރައްޔިތުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޓެކްސް ބޮޑުކުރުމާއެކު ތަކެތީގެ އަގުވެސް އަތްނުފޯރާ ފަށަށް އަރައިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތަށް ކަންތައްދާ ކަމަށްވާނަމަ މިއަހަރު ވެގެންދާނީ ރައްޔިތުންނަށް ދަތި އަހަރަކަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.