މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ދިރިއުޅެވޭނޭ ޖާގައެއް ހޯދައިދިނުމަކީ ސަރުކާރަށް ވާޖިބެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހުގެ ވާދަވެރިޔާ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާުވީ "ފިކުރެއްގެ ދިރުން" ހުޅުމާލޭގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

"މާލޭ މީހުންނަށް ބޯހިޔާވަހިކަމާއި އަދި ދިރިއުޅެވޭނޭ ޖާގައެއް ހޯދައިދިނުމަކީ ސަރުކާރުގެ ވާޖިބެއް. އެއީ އެންމެ އިސްކަންދޭންޖެހޭ ކަންތައް. އަޅުގަނޑުމެންގެ ސަރުކާރެއްގައި ހަތަރު އަހަރު ނިމިގެންދާއިރުގައި އަދިވެސް މިކަންތައް އެއީ ފަހުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބާއްވައި އަދި ފަހުކުރާނޭ ގޮތުގެ ޕްލޭނެވެސް ނުދެވިއޮތީ. އެއީ އަޅުގަނޑުމެންގެ މެމްބަރުން އިންތިހާއަށް ކަންބޮޑުވާކަމެއް،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގޯތި ދެއްވާނޭ ކަމަށް ސަރުކާރުން ވިދާޅުވާއިރު އެ ގޯތިދޭނޭ ތަނާއި ދޭނޭގޮތް އެނގެން ރައްޔިތުން ބޭނުންވާ ކަމަށެވެ. "ސަރުކާރުން ގޯތިދޭނެކަމަށް ބުނާއިރު ރައްޔިތުން އެބަ ބޭނުންވޭ އެއީ ކޮންތަނަކުން، ކިހިނެއް، ކޮން ޗާޓެއްގައި އޮތް ގޯއްޗެއްކަން އެނގެން. އެއްހާސް ގޯތި ހަމަވަނީ ކޮންތަނެއްގައި ކިހިނެއް ކަޑަޖެހީމާތޯ އެނގެން ރައްޔިތުން ބޭނުންވޭ. ހުޅުމާލޭ ޗާޓުގައި މިތަން ފާހަގަކޮށްފައި، އޮންނަތަނެއް އަޅުގަނޑުކަށް ނުފެނޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.