އެގާރަ އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ގެ ލީޑަރޝިޕްގެ ބޭފުޅުންނާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ. އެމަނިކުފާނުގެ މި ބައްދަކު ކުރެއްވުން އޮތީ އެމަނިކުފާނުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މާފުށީ ޖަލުގައެވެ.

ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ހުންނެވީ ގަދަކޮށް ކަމަށެވެ. "ރައީސް ޔާމީނާ މިއަދު ބައްދަލުވި. ހުންނެވީ ފިސާރި ގަދަކޮަށް. ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް. އަޅުވެތި ކަމަށް ބޯ ނުލައްބަވާނެ ކަމަށް. މައުސޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް. ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް،" އަދުރޭ ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީނާ ބައްދަލުކުރެއްވި ޓީމުގައި ހިމެނިވަޑައި ގަންނަވަނީ އަދުރޭގެ އިތުރުން ޑރ. މުއިއްޒާއި، އާދަމް ޝަރީފާއި، ޣައްސާން މައުމޫނާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއިި، މާލޭ ސިޓީ ކައުންސިލްގެ މެންބަރ އިބްރާހީމް ޝުޖާއުއެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލެއާއި ބައެއް ރަށްރަށުގައި ގެންދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.