ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްކުރަނީ އިސްލާމްދީނަށް ފުރައްސާކުރާ މީހުން ހިތްހަމަ ޖެއްސުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އެންމެ ފުރަތަމަ ސަލްމާން މިސްކިތް ހުޅުވަން ރޭވީ މިއަހަރުގެ މާރޗު މަހުގަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ތާރީހު ފަސްކޮށްފަ އެވެ.
މިކަމާ ގުޅިގެން އިދިކޮޅު މެމްބަރު ސަލީމް ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވުން ލަސްކުރަނީ އިސްލާމްދީނަށް ފުރައްސާކުރާ މީހުން ހިތްހަމަ ޖެއްސުމަށް ކަމަށެވެ.
ސަލްމާން މިސްކިތް ހުޅުވާނެ ވަކި ތާރީހެއް އަދިވެސް ކަނޑައެޅިފައިނުވާއިރު، އައު ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ސައުދީ ސަރުކާރާ ވާހަކަ ދައްކައިގެން ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ ސަލްމާން މިސްކިތުގެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި ކޮވިޑް19ގެ ހާލަތު ކުރިމަތިވީ މިސްކިތް ހުޅުވުމާ ގުޅޭގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކަމުން ދަނިކޮށް ކަމަށެވެ.