ވިލިމާލޭގައި ބަހުގެ ޚިދުމަތް މާދަމާ ފަށާނޭ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީން ބުނެފައިވަނީ އެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ 6 ބަސް މިހާރުވަނީ ގެނެސްފައި ކަމަށެވެ. އެ ބަހުގައި 11 މީހަކަށް އިށީނދެގެން ދަތުރު ކުރެވޭނެއެވެ. އަދި 4 މީހަކަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެއެވެ.

މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 4:00 ގައި ވިލިމާލޭ ފެރީޓަރމިނަލް ސަރަހައްދުގައެވެ.

މިޚިދުމަތް އެ އަވަށުގައި ފެށުމަށްޓަކައި ގެނެސްފައިވަނީ ތިމާވެއްޓާ ރައްޓެހި ބަސްތަކެކެވެ. އެއީ ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ބަސްތަކެކެވެ.

އެމްޓީސީސީގެ އިތުރުން މާލޭ ސިޓީކައުންސިލުން ވަނީ އެ އަވަށަށް ބަގީގެ ޚިދުމަތް އަންނަމަހު ތައާރަފް ކުރުމަށް ވެސް ނިންމައިފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދޅުވީ މިއީ ވިލިމާލޭ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމަށެވެ. "އިރާދަކުރެއްވިއްޔާ މާދަމާ އަޅުގަނޑުމެން މި ޚިދުމަތް ފަށާނަން. މިހާރުދަނީ ޗާޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް. ޚިދުމަތް ފަށާއިރު އެއްވެސް މައްސަލައެއް ދިމާވެދާނޭ ކަމަށް ނުބެލެވޭ، އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއް ވެެސް ދާނީ ރަނގަޅަށް،" އާޒިމް ވިދާޅުވިއެވެ.