އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން އެ ރަށުގައިތިބި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ފަރެސްމާތޮޑާގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ބުނީ ރައީސް ނަޝީދަކީ މަސްވެރީންގެ އަޑުއައްސަވާ މަސްވެރީންގެ ރައީސް ކަމަށެވެ. އެހެން ކަމުން އެރަށްއޮތީ އެމަނިކުފާނާއެކު ގަދަކޮށް ކަމަށް ވެސް އެ މީހުން ބުންޏެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ވަރުގަދައަށް ކެމްޕޭން ކުރައްވަމުންނެވެ.