ސަރުކާރުން އުޅެނީ ބަހަނާ ދައްކައިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތުގައި އިންތިޚާބު ބޭއްވުމަށް ގިނަ ހުރަސްތަކެއް އޮތްކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވަނިކޮށެވެ.

އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމަހަމަ ފުރުސަތު ހުރިހާ އެންމެންނަށް ލިބޭ ގޮތަށް، އިންސާފުވެރި އިންތިހާބެއް ބާއްވަން ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރުން ކަންކަން ކުރަނީ ބަހަނާ ދައްކައިގެން އިންތިހާބު ފަސްކުރުމަށް ކަމަށެވެ.

އަދި ކެންޑިޑޭޓުންގެ ހައްގުތައް ހިމާޔަތް ކުރަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންނަ މާރޗު މަހު އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުންދާއިރު، ކެންޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭތީ އިދިކޮޅު ފަރާތްތަކުން ދަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.

އެ މައްސަލާގައި ކޯލިޝަނުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރާ މިދިޔަ ހަފްތާގައި ވަނީ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ސަރުކާރު ހިންގާ އެމްޑީޕީގެ ބޭފުޅުންނަށް ކަރަންޓީނު ވުމެއް ނެތި ރަށްރަށަށް އެރޭނަމަ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަ ފުރުސަތު އިދިކޮޅަށް ވެސް ލިބެންޖެހޭނެ ކަމަށެވެ.