ސެންޓަރ ފޯވާޑެއް ނެތުމުން އެތަން ފޫބެއްދުމަށް ޓޮޓެންހަމް އާއި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން އަދި މުހިއްމު ފޯވާޑް ހެރީ ކޭން ގަތުމަށް މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ފަށައިފި ކަމަށް "ދި ޑެއިލީ މެއިލް" އިން ބުނެފިއެވެ.

ޑެއިލީ މެއިލް ބުނެފައި ވަނީ ސެންޓަ ފޯވާޑެއް ނެތުމުގެ މައްސަލަ ހައްލުކުރަން ޔުނައިޓެޑަށް އޮތް އެންމެ ރަނގަޅު އޮޕްޝަނަކީ ހެރީ ކޭން ،29، އެކްލަބަށް ގެނައުން ކަމަށް ކޯޗް އެރިކް ޓެންހާގް ގަބޫލް ކުރާ ކަމަށެވެ.

ކޭންއަށް މެންޗެސްޓަރ ޔުނައިޓެޑުން ޝައުގުވެރިވާކަން ރަސްމީކޮށް އަދި އެކްލަބުން ހާމަކޮށްފައެއް ނުވެއެވެ. އަދި ކޭންއަށް ޔުނައިޓެޑުގެ ބިޑެއް ލިބިފައިވާކަން ޓޮޓެންހަމްއިންވެސް ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސި މީޑިޔާ އެހެން ރިޕޯޓްތައް ބުނާ ގޮތުގައި ޔުނައިޓެޑުން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ޖޫންމަހު ފެށޭ ހޫނު މޫސުމުގެ ޓްރާންސްފާގައި ކޭން އެކްލަބަށް ގެނައުމަށެވެ. އަނެއްކޮޅުން ކޭން ހިފެހެއްޓުމަކީ ޓޮޓެންހަމްއަށް އުނދަގޫ ކަމަކަށް މިފަހަރު ވާނެ ކަމަށް ގަބޫލް ކުރެއެވެ. ސަބަބަކީ ޓޮޓެންހަމްއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އޮތީ އެންމެ 18 މަސް ދުވަހަށް ވުމެވެ.

މިސީޒަން ފެށުމުގެ ކުރިން ކޭން ގަތުމަށް މެންޗެސްޓަރ ސިޓީއިންވެސް މަސައްކަތް ކުރިއެވެ. އެކަމަކު ސިޓީއިން ހުށަހެޅި އަގު ކުޑަވުމުން ކޭން ވިއްކާލުމަށް ޓޮޓެންހަމްއިން އެއްބަސް ނުވީއެވެ.