އައިނީ ރިޟްވާން (އާންމު ނަމުންނަމަ އައިނީ) ފެނުމުން ވަރަށްގިނަ މީހުންނަށް މީއީ ކޮން ކުއްޖެއްކަން މިހާރު އެނގޭނެއެވެ. އެހާވެސް ގިނަ ލަވަތަކާއި މަދަހަތަކުން ފެނިފައިވާ ކުއްޖެކެވެ. ޔޫޓިއުބުގައި މަޝްހޫރު "އިތުރު ރަސޫލާ، ފާޅުވި ތާހާ" މިމަދަހަ ކިޔާފައިވާ 3 ކުދިންގެ ތެރޭގައިވެސް އައިނީ ހިމެނެއެވެ.

އައިނީއަކީ ވެރިރަށް މާލެއަށް އުފަން ކުއްޖެކެވެ. އުމުރުން މިހާރު 15 އަހަރުގެ އައިނީ އެންމެ ފުރަތަމަ ލަވަކިޔަންފެށީ އަހުމަދިއްޔާ ސްކޫލް ނާސަރީގަ އުޅުނުއިރުގަ އެވެ. އެލްކޭޖީގައި އުޅުނުއިރު އަހުމަދިއްޔާ އިން ބޭއްވި ލަވަ މުބާރާތުން 1ވަނަ، މަދަހަ މުބާރާތުން 1 ވަނަ އަދި ޤުރުއާން މުބާރާތުން 3 ވަނަ އައިނީ އަށް ލިބުނެވެ. އަދި ޔޫކޭޖީގައި އުޅުނުއިރު ބައިވެރިވި ވީޓީވީ ސްކޫލް އައިކަންގައި އަހުމަދިއްޔާގެ ފަރާތުން ހުށަހެޅި ގުރޫޕް ހުށަހެޅުމަށް 1 ވަނަ ލިބުނެވެ.

ގުރޭޑް 1 އިން ފެށިގެން އިސްކަންދަރު ސްކޫލްގައި ކިޔަވަމުން އަންނަ އައިނީ މިހާރު ކިޔަވަމުންދަނީ ގްރޭޑް 9 ގައެވެ. ގުރޭޑް 1 ގައި އުޅުނުއިރު ޑްރާމާ ކުޅެގެން އެންމެމޮޅު ޑްރާމާ ކުޅުންތެރިއަކަށް ވެސް އައިނީ ވަނީ ހޮވިފައެވެ. 2015 ވަނަ އަހަރު ޓީވީއެމްއިން ބޭއްވި ލަވަ މުބާރާތުން ޖޫނިއަރ ގުރޫޕުން 2 ވަނަ ލިބުނު އިރު އެމްޕީއެލްގެ ފަރާތުން އެކުންފުނީގެ މުވައްޒަފުންގެ ދަރިންނަށް ޚާއްސަކޮށްގެން 2015 ވަނަ އަހަރު ބޭއްވި ޤުރުއާން މުބާރާތުން އުމުރުފުރައިން 2 ވަނަ ވެސް އައިނީ އަށް ވަނީ ލިބިފައެވެ.

އުމުރުން 9 އަހަރުންފެށިގެން އައިނީ މިއުޒިކް ދަސްކުރުމަށް ދަނީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް އަށެވެ. ދެފަހަރެއްގެ މަތިން ރޮކް އެންޑް ޕޮޕް އެގްޒާމްގައި ބައިވެރިވުމަށް ސްރީލަންކާއަށް އައިނީ ވަނީ ގޮސްފައެވެ. އަދި މި އިމްތިހާނުން ރަނގަޅު ނަތީޖާއެއް ވެސް ވަނީ ހޯދާފައެވެ.

ގިނަ އަދަދެއްގެ ލަވައާއި މަދަހައިގެ ރެކޯޑިން ހަދާފައިވާ އައިނީ އެންމެ އުފާވީ މެލޭޝިއާއަށް ލަވަކިޔަން ދާން ފުރުސަތު ލިބުމުންނެވެ. " މެލޭޝިއާގައި ބޭއްވި ގްލޯބަލް ކޮންގްރެސް އެންޑް ކޮންފަރމެންޓް ސެރެމަނީ ގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނީ ރަފީ ދައްތަ. ވަރަށް އުފާވި އެހެން ޤައުމެއްގަ އެގޮތަށް ލަވަކިޔަން ފުރުސަތު ލިބުނީމަ." އައިނީ އުފަލުންހުރެ އެކަން ފާހަގަކުރިއެވެ.

ކުރިން ސްކޫލް ބޭންޑްގައި ހަރަކާތްތެރިވި އައިނީ މިހާރު އުޅެނީ ގައިޑް ހަރަކާތްތަކުގަ އެވެ. ބްރައިޑްފެއާގެ އިތުރުން އެހެނިހެން ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ ވަނަ ހޯދަމުންދާ އައިނީ ކިޔެވުމަށް ވަގުތު ހުސްކުރަނީ ކިހިނެއްތޯ ސުވާލުކުރުމުން އައިނީ ބުނީ ނިންމަންޖެހޭ ފިލާވަޅުތައް ކުރިން ނިންމުމަށްފަހު އިތުރުހަރަކާތައް ވަގުތު ހޯދަނީ ކަމަށެވެ.

އައިނީ ޑރ. ރަފިއްޔާއާ އެކު

ލަވައާއި މަދަހައިގައި އައިނީ ހޯދަމުންދާ ކުރިއެރުމުގަ އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އައިނީގެ ލޯބިވާ މަންމަ ފުވައްމުލަކަށް އުފަން އައިޝަތު ފާއިޒާ އެވެ. އައިނީ އަށް އެހީތެރިވެދޭ ލިސްޓްގެ އެންމެ ކުރީގައި ވެސް އުޅެނީ އައިނީގެ މަންމިގެ ނަމެވެ. އެއަށްފަހު އައިނީއަށް ލަވައާއި މަދަހަ ދަސްކޮށްދޭ ކޯޗުން، އައިނީގެ ތިއްތި ކަމުގައިވާ ކުރީގެ ފިލްމީތަރި އަފީގެ އިތުރުން ހަމް އާންޓީއާއި ޑރ ރަފިއްޔާގެ ނަން އައިނީ ވަނީ ފާހަގަކޮށްފައެވެ.

" ކޮންމެ ކަމެއްވެސް ކުރާހިތުން ކުރުމަށް. ކުރާހިއްވާ ކަންތައްތައް ނުވާނެ ކަމަށް ބަލާ އެކަމެއް ކުރުމަށް މަސައްކަތްނުކޮށް ދޫނުކުރާށޭ ބުނަން ބޭނުމީ"
އައިނީ

ޤައުމުގެ ދުލުން ލަވަ މުބާރާތުގައި މިހާރުވެސް ބައިވެރިވެގެން އުޅޭ އައިނީ އިންޓަވިއު ނިންމާލަމުން ދޭން ބޭނުންވީ މި މެސެޖެވެ.