އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އަތުން 3-2 އިން ރޭ ބަލިވީ ބަލައި ނުގަނެވޭ ފަދަ ގިނަަ ގޯސްތަކެއް ކުޅުންތެރިންނަށް ހެދިގެން ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗް އެރިކް ޓެންހާގް ބުނެފިއެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓެންހާގް ބުނީ މެޗް ފަށައިގެން އޭނާގެ ކުޅުންތެރިން ފެނުނީ ވަރަށް ރަނގަޅަށް ކުޅެމުންދިޔަ މަންޒަރު ކަމަށެވެ. "މޮޅަށް ކުޅެމުން ގޮސް އަހަރެމެން ލީޑްވެސް ނެގީ. އެކަމަކު ދެން ފެނިގެންދިޔައީ ގޯސްތަކެއް ހެދިގެން ނުވާނެ އެރިޔާތަކުގައި ކުޅުންތެރިން އަތުން ގޯސްތަކެއް ހެދުނު މަންޒަރު. އާސެނަލްއިން ޖެހި ތިންލަނޑުގެ ތެރެއިން ދެލަނޑު ޖެހީ ދާދި އެއްގޮތަކަށް ކުޅެގެން. މިކަހަލަ ބޮޑެތި މެޗުތަކުގައި އެހާފަސޭހައިން ލަނޑު ވަންނަނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް" މިސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވެ ބޮޑެތި ބަދަލުތަކެއް އެޓީމަށް ގެންނަމުންދާ ކޯޗް ޓެންހާގް ބުންޏެވެ.
މިމެޗުގެ 17 ވަނަ މިނެޓުގައި އާސެނަލްގެ ޑިއޭރިޔާއަށްވުރެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ޔުނައިޓެޑަށް ލީޑް ނަގައިދިނީ މާކޯސް ރަޝްފާޑެވެ. އާސެނަލްއިން އެއްވަރު ކުރީ 24 ވަނަ މިނެޓުގައި އެޑީ އެންކެޓިއާގެ ލަނޑުންނެވެ. މެޗުގައި އާސެނަލްއިން ފުރަތަމަ ފަަހަރަށް ލީޑް ނެގީ 53 ވަނަ މިނެޓުގައި އޭރިޔާގެ ބޭރުން ސަކާ ފޮނުވާލި ހަމަލާއެއް ޔުނައިޓެޑުގެ ގޯލުގެ އަރިމަތީ ކަނަށް އަމާޒު ކޮށްލައިގެންނެވެ. މެޗުގެ ފޯރިގަދަ ވެގެންދިޔައީ އޭގެ ފަސްމިނެޓް ފަހުން ލިސަންދްރޯ މާޓިނޭޒްގެ ލަނޑުން ޔުނައިޓެޑުން އެއްވަރު ކުރުމުންނެވެ. މެޗް އެއްވަރުވާން ދަނިކޮށް އާސެނަލްއިން ލީޑް ނެގީ 90 ވަނަ މިނެޓުގައި އެންކެޓިއާގެ ލަނޑަކުންނެވެ.
މެޗަށްފަހު ވަރަށް ބޮޑަށް އުފާވެފައި ހުރެ އާސެނަލްގެ ކޯޗް މައިކަލް އާޓެޓާ ބުނީ 90 ވަނަ މިނެޓުގައި ލަނޑެއް ޖަހައިގެން މޮޅުވުމަކީ ހާއްސަ އުފަލެއް ކަމަށެވެ. "މިއަށްވުރެ އުފާވެރިކޮށް 3 ޕޮއިންޓް ވަކި ލިބޭނެތަ؟ ފެނިގެންދިޔައީ ފޯރިގަދަ ރީތި މެޗެއް. އަހަރެމެން އަބަދުވެސް މަސައްކަތް ކުރަމުންދިޔައީ ލަނޑު ޖަހަން. އެކަން މެޗުގެ ފަހު މިނެޓު ކޮޅުގެ ތެރޭގައި ކާމިޔާބު ކުރެވިއްޖެ" އާޓެޓާ ބުންޏެވެ.
މިމޮޅާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ މިހާތަނަށް ކުޅުނު 19 މެޗުން ހޯދި 50 ޕޮއިންޓާއެކުއެވެ. ދެވަނަގައި މެންޗެސްޓަރ ސިޓީ އޮތީ 20 މެޗުން 45 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި 39 ޕޮއިންޓާއެކު ނިއުކާސަލް އޮތީ ޔުނައިޓެޑާއި ޕޮއިންޓުގެ ގޮތުން އެއްވަރުވިނަމަވެސް ފައިދާ ލަނޑު ގިނަވުމުންނެވެ.