ރާއްޖޭގައި މިހާރު އޮތް ކޯލިޝަން ސަރުކާރަށް އެންމެ ފައިދާ ބޮޑުވެ ރައްޔިތުންގެ މާކްސް ގިނައިން ލިބޭނީ ރައްޔިތުންނަށް އިޚްލާސްތެރިވި މިންވަރަކުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ މި ފަސްއަހަރު ނިންމާފައި އިތުރު ފަސްއަހަރަކަށް "ޕްރޮމޯޓު" ކޮށްދޭން ތިބީ ރައްޔިތުން ކަމަށެވެ.

"ރައްޔިތުން ދޭ މާކްސްއެއްގެ މައްޗަށް ބިނާކޮށް އިތުރު ދައުރަކަށް ދެވެން މިއޮންނަނީ. އެހެންވީމާ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދީ ރައްޔިތުންގެ އިތުބާރު ހޯދަން އެބަޖެހޭ. ރައްޔިތުންނަށް އިޚްލާސްތެރިވެގެން މެނުވީ މި ސަރުކާރަކަށް ވެސް އަދި އަންނަންއޮތް ސަރުކާރަކަށް ވެސް ފައިދާއެއްނެތް،" ޢުމަރު ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގައި އޮތީ ބިރު ދެއްކުމާއި ނާއިންސާފާއި ނާމާންކަމާއި ކޮރަޕްޝަން ކަމަށް ޢުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ސަރުކާރުގައި މުޅި ރާއްޖޭގައި ވަނީ ކުރިން ހިނގާފައިނުވާ ވަރުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާފައި ކަމަށް ޢުމަރު ވިދާޅުވިއެވެ.

"އެއީ ހަމައެކަނި ރައީސް ޔާމީނަށް މާކްސް ލިބިވަޑައިގަންނަވާ ފަޅިއަކީ،" ޢުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު މިއޮތް ސަރުކާރަށް ދެ އަހަރު ފުރިގެންދިޔައިރު ވެސް އެއްވެސް ކަމެއް ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ކުޑަމިނުން ފާހަގަކޮށްލެވޭ ވަރުގެ ތަރައްގީގެ މަޝްރޫޢެއް ވެސް ނުހިންގޭ ކަމަށް ވިދާޅުވިއެވެ. އެގޮތަށް އެހެންވީ ކޮވިޑްގެ ސަބަބުން ކަމަށް ވެދާނެ ކަމަށާއި އެއީ އެންމެން ގަބޫލުކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެހެން ކަންކަމަށް ބަލާއިރު މިހާރު ވެސް ހަމަހަމަ ކަމާއި އެއްވެސް އިންސާފެއްނެތް ކަމަށް ޢުމަރު ވިދާޅުވިއެވެ.

"މިސަރުކާރުން އެއްވެސް ހަމަހަމަކަމެއް ނުފެނޭ. އިންސާފު ހޯދައިދޭން އައި މީހުން ގެންދަނީ އިންސާފު ނަގައިލަމުން. ބޮޑެތި މީހުންނަށް ރަނގަޅުގޮތް ދެރަ މީހުންނަށް ދެރަގޮތް މިހާރު ވެސް ހަދަމުން ގެންދަނީ. މިކަންކަން ރަނގަޅު ކޮށްގެން ނޫނީ މިސަރުކާރަކަށް ފައިދާއެއްނެތް. މި ސަރުކާރު ރަނގަޅު އެއްކަމެއް ވެސް އަދިފެނިފައެއްނެތް" ޢުމަރު ވިދާޅުވިއެވެ.