ކުދިރަށްރަށަށް ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އަސާސީ ޚިދުމަތްތަކަކީ ސަރުކާރުން ކުރައްވާ ބޭކާރު ޚަރަދެއް ކަމަށް "ބައެއް ބޭފުޅުންނަށް" އެބަ ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް ކ. ގުރައިދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ޖަޒީރާ ރާއްޖެއެއް ބިނާކުރުން ކަމަށެވެ. އެހެންވީމާ އެ ސިޔާސަތާ ޚިލާފަށް ވާހަކަ ދެއްކެވުމަކީ އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ވިސްނަންވީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމުގައި ކޮންބައެއްތޯ ނިކުމެ މިތިބީ. އަޅުގަނޑުމެންގެ ބައެއް ބޭފުޅުންގެ ވިސްނުން ބަދަލުވެގެން މިދިޔައީ ކީއްވެގެންތޯ؟ އަބަދުވެސް އެމްޑީޕީ ވަކަލާތު ކުރަމުން އައީ ޖަޒިރާ ރާއްޖެއެއް ތަރައްގީ ކުރުމަށް،" ރައީސް ވިދާޅުވިއެވެ.

ޖަޒިރާ ރާއްޖެއެއް ތަރައްގީ ކުރުމުގެ ވިސްނުމާ އިދިކޮޅަށް ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާ ކަމީ ހަމަގައިމުވެސް އެޑީޕީގެ ސިޔާސަތު ކުރިއެރުވުމެއްނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ސިޔާަސަތާ ޚިލާފަށް ވާހަކަ ދެއްކެވުމަކީ އޭގެ ފަހަތުގައި "އެހެން މަގުސަދެއް އޮވެގެން ކުރާކަމަކަށް ވެދާނެ،" ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެގޮތަށް ދައްކަވާ ވާހަކަތަކާ ރައްޔިތުން ގާތް ނުވުމަށެވެ. "ތިޔަ ބޭފުޅުން އެއާ ކައިރިވެ ވަޑައިނުގަންނަވައްޗޭ. އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިސަރުކާރުން ތަންފީޒު ކުރައްވަނީ އެމްޑީޕީގެ ސިޔާސަތެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ތަންފީޒު ކުރައްވަނީ އިއްތިހާދުގެ ސިޔާސަތު ކަމަށްވިދާޅުވެ ރައީސް ނަޝީދު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.