މާލެ އަތޮޅު ކާށިދޫގައި މިހާރުއޮތް ބިން ޚާއްސަ ކުރާނީ ދަނޑުވެރިކަން ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިއަދު ކާށިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅު ގައެވެ.

ރައީސް ވިދާޅުވީ ކާށިދުއަކީ މާލެއަތޮޅުގައި އެންމެ ފުޅާކޮށް ދަނޑުވެރިކަންކުރާ ރަށް ކަމަށވެ. އެހެން ކަމުން އެރަށުގައި މިހާރު އޮތް ބިން ދަނޑުވެރިންގެ އެމަސައްކަތަށް ޚާއްސަ ކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ. އޭގެ ބަދަލުގައި އިކޮނޮމިކް ކައުންސިލްގެ ވިސްނުމަކީ އެރަށު ފަޅުން ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރެއްވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކާށިދުއަކީ މިހާރުވެސް މާލޭ އަތޮޅުގެ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން އެންމެބޮޑު އެއްރަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެރަށުގެ ފަޅުން ބިންހިއްކަންކުރަން ޖެހޭ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމުގެ އުފާވެރި ޚަބަރު ރައީސް މިއަދުވަނީ ދެއްވައިފައެވެ.

ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް އެމަނިކުފާނު މިއަދު ކ. ގުރައިދުއަށް ވެސް ވަޑައިގެންނެވިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެޕާޓީގެ އެންމެ ވަރުގަދަ ދެ ބޭފުޅުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުންވެސް ގެންދަވަނީ ފޯރއާއެކު ކެމްޕޭން ކުރައްވަމުންނެވެ.ރައީސް ސާލިހުގެ ކެމްޕޭން ނިންމެވުމުގެ ޖަލްސާ އޮންނާނީ މިމަހު 26 ވަނަދުވަހުގެރޭ 8:30 ގައި އައްޑޫސިޓީ، ސިޓީ ބާޒާރު ސަރަހައްދުގައެވެ. އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ ޖަނަވަރީ 28 ވަނަ ދުވަހުއެވެ.