ސަރުކާރުން އެއްވެެސް ކަމެއް ނުކޮށްދެއްވާ ކަމަށް ބުނެ ވާދަވެރީން ފަތުރަަމުންދާ އަޑުތަކަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އއ. ތޮއްޑޫގައި މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެކިރަށްރަށުގައި ފަށައިފައިވާ މަޝްރޫއުތައް ވަރަށްގިނަ ކަމަށެވެ. އޭގެތެރެއިން ވަރަށްގިނަ މަޝްރޫއުތައް މިހާރުވަނީ ނިމި ރިބަންފަށް ކަނޑާލާ ހިސާބުގައި ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ މި ދައުރުގެ ބާކީއޮތް ބައިގައި އެ ރިބަންފަށްތައް ކަނޑަން މަަސައްކަތް ފަށައިފިއްޔާ ވެރިކަމުގައި ބާކިއޮތް ދުވަސްވަރު އިތުރު ކަމެެއް ކުރައްވާނޭ ވަގުތެއް އެމަނިކުފާނަށް ނޯންނާނޭ ކަމަށް ވެސް ވިދާޅުވިއެވެ.
މީސާލެއް ދައްކަަވަމުން ރައީސް ވިދާޅުވީ މިހާރުވެސް 144 ރަށެއަގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށްދާ ކަަމަށެވެ. އޭގެއިތުރުން ލަފާފުރުމުގެ މައްސަލަތަކަށް ހައްލުގެނައުމަށް ވެސް އެތައް މަޝްރޫއެއް ހިންގަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ކުރީގެ ސަރުކާރުތަކުން އަޅާނުލެވިހުރި ރަށްރަށުގައި އެފަދަ މަޝްރޫއުތައް ހިންގަން ފެށުމުން އެއީ ސަރުކާރުން ކުރައްވާ ބޭކާރު ޚަރަދުތަކެއް ކަމަށް ވާދަވެރީން ވިދާޅުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ ބޭކާރު ޚަރަދު ކަމަށް ބައެއް ބޭފުޅުންނަށް ގަބޫލުކުރެއްވުނަސް އަސާސީ ޚިދުމަތް ނުލިބުމުގެ ސަބަބުން ދަތިވާވަރު އެނގޭނީ އެރ ރަށްރަށުގައި އުޅޭ މީހުންނާއި އޮޑިދޯނިފަހަރު ގެންގުޅޭ މީހުންނަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ދޯނި އަޅާނޭ ރައްކާތެރި ބަނދަރެއް ނެތިއްޔާ ދޯނޮގެނެސްގެން އިންނަންޖެހޭނީ އެއަށްވާގޮތެއް ބަލަން ހޭލާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ތޮއްޑޫގައި ވެސް ސަރުކާރުން ގެންދަވަނީ ލަފާފުރަން ފަސޭހަ އެންމެ ޒަމާނީ ބަނދަރެއް ތަރައްގީ ކުރަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ ދަތި އުނދަގޫތަކާއެކުވެސް މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް ތަރައްގީގެ މަޝްރޫއުތައް ވެސް ނުހުއްޓައި ކުރިއަށް ގެންދެވީ ފަހަތުގައި އޮތް ފައިދާ ބޮޑުވީމައި ކަމަށެވެ. އޭރު އެޅި ރަނގަޅު ފިޔަވަޅުތަކުގެ ފައިދާ މިހާރު އެންމެނަށް ވެސް ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން މިއަދު ނިކުމެ ވަޑައިގެން ހުންނެވީ އެމަސައްކަތް އަދިވެެސް ކުރިއަށް ގެންދަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު މިއޮތީ ދާގޮތަށް ދާންވީތޯއާއި ދާގޮތަށްގޮސް މަގުމަތީގައި ހުއްޓިގެން ތިބެންވީތޯ ނިންމަންޖެހިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއީ ތޮއްޑޫ ރައްޔިތުން އެކަނި ނިންމޭނޭ ކަމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކަށް ވިޔަސް ޕާޓީގެ ވިސްނުން މަޑުޖައްސާފައި ގައުމަށްވާނީ ކިހިނެއްތޯ ބަލާފައި ނޫނީ ގޮތް ނުނިންމަން ރައީސް އެދިވަޑައިގެންނެވިއެވެ. ރައީސް ވިދާޅުވީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުމަށްފަހު ރިޔާސީ އިންތިޚާބު އެއަށްވުރެ ވެސް ފަސޭހައިން ކާމިޔާބުކުރާތަން އެމަނިކުފާނަށް ފެނިވަޑައިގަންްނަވާ ކަމަށެވެ.