ބަނގްލަދޭޝްގެ ނޭވަލް އެކަޑަމީގައި ހިންގުމަށް ހަމަޖެހިފައިވާ "އޮފިސަރސް ބޭސިކް ޓްރެއިނިންގ" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އެމްއެންޑީއެފުން އާންމުކޮށް ހުޅުވާލައިފިއެވެ.

މި ކޯސް ކުރިއަށްދާނީ މިއަހަރު ޖުލައިމަހު 2 އިން ފެށި 2027 ވަނަ އަހަރުގެ ޖުކައި 31 ގެ ނިޔަލަށެވެ. ކޯސް ކުރިއަށްދާނީ ބަންގްލަދޭޝްގެ ޗިޓަގޮންގް ނޭވަލް އެކަޑެމީގައެވެ. ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލް ސައިންސް ސްޓްރީމްގެ 2 މާއްދާއިން ފާސްވެފައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވާ އަދި 2023 ޖުލައި 02 އަށް 25 އަހަރު ނުފުރޭ ފަރާތަކަށްވުމާއި އަދި ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތަކަށްވުން ހިމެނެއެވެ.

މި ކޯހަށް ޚަރަދު ކުރަނީ ބަނގްލަދޭޝް ސަރުކާރުންނާއި އެމްއެންޑީއެފުންނެވެ. މިކޯހަކީ ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯހެކެވެ. މި ކޯސް ފުރިހަމަ ކުރުމުން، އެމްއެންޑީއެފްގެ އޮފިސަރެއްގެ މަޤާމު ލިބިގެންދާނެއެވެ. ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި އެމްއެންޑީއެފް ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް، އަދި ތަޢުލީމީ ސެޓްފިކެޓްތަކާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަޞްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ލޯފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ތައްގަނޑުޖެހި އަސްލާއި މި ސްކޮލަޝިޕްގެ ދަށުން ތަޢުލީމް ހާސިލުކުރުމަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ޚިދުމަތް ކުރަން އެއްބަސްވާކަމަށް ކެންޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއެއް ހިމެނެއެވެ.

މި ކޯހަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، 2023 ފެބްރުވަރީ 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ދުރުވެ، އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގގެ ނަންބަރު 3322607 އަށް ނުވަތަ މޯބައިލް 9871235 / 2156 އަށް ގުޅުމަށ އެމްއެންޑީއެފުން އެދިވަޑައިގެންނެވިއެވެ.