މިއަހަރު ޑިސެމްބަރު 9 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ ފަންސާސް ލާރި ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަނޑައަޅުއްވައިފިއެވެ.

އޭގެ ކުރިން ދެހާސް ނަވާރަވަނަ އަހަރުގެ ޑިސެމްބަރު 9 އިން މިއަހަރު ޑިސެމްބަރ 8 އާ ހަމައަށް ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަތަރު ހާސްނުވަސަތޭކަ ފަންސާސް ރުފިޔާ ސާޅިސް ލާރި އެވެ.

ދިވެހިރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދާ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިންނެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެފަދަ ޤައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައަޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުއްވުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ރިހީގެ ނިޞާބުގެ ގޮތުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޢަދަދަކީ ފަސްސަތޭކަ ނުވަދިހަ ފަސް ގްރާމް ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ރިހި ގްރާމަކަށް މިހާރު ޖެހޭ ދިވެހި ފައިސާގެ އެގާރަ ރުފިޔާ ހަތްދިހަ ލާރި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. ބަހުގެގޮތުން ޒަކާތަކީ ޠާހިރުކަމާއި، އިތުރުވެ ގިނަވުމެވެ. "ޝަރުޢީ ގޮތުން ބަލާނަމަ، އެއީ، ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ މުދަލަކުން ޝަރުޢީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ކަނޑައެޅިފައިވާ ވަކި ޚާއްޞަ ބަޔަކަށް ނުވަތަ ފަރާތަކާ ޙަވާލުކޮށްގެން ﷲ ތަޢާލާއަށް އަޅުވެތިވުމެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުޠު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.،" އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.