ފަސް މީހުންނާ އެކު ތ.ދިޔަމިނގިއްޔަށް ދަތުރުކުރި "ރެޑްމޫން" ނަމަކަށްކިޔާ ސަފާރީއެއް ތ.މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިފިއެވެ. މީ ހާދިސާ ހިނގުމާއެކު އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭ (23 ޖަނަވަރީ) ގެ 19:40 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކޯސްޓުގާޑު ޑައިވަރުން ގެންދަނީ ޑައިވްކޮށް ސަފާރީއަށް ލިބިފައިހުރި ގެއްލުންތައް ބަލަމުންނެވެ. ސަފާރީ ފަރަށް އަރައި، ބީހުމުގެ ސަބަބުން އުޅަނދުގެ ބަނޑުފިލައިގެ ދެ ތަނަކުން ގަލެއްގައި ޖެހި ފަޅައިގެން ގޮސްފައިވާތީ ސަފާރީ ދަނީ ދިޔަވަމުންނެވެ.

މި ސަފާރީއަކީ ތ.ދިޔަމިނގިލި ޔާޑަށް އެހެލުމަށް އެ ރަށަށް ދަތުރުކުރަމުންދިޔަ އުޅަނދެކެވެ. ހާދިސާ ހިނގިއިރު އޭގައި އެއްވެސް ފަތުރުވެރިއަކު ނެތެވެ. ސަފާރީގެ ހުރިހާ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.