އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ދޫކޮށްލާފައި އޮތަސް އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

އއ. މާޅުހުގައި މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ޚިޔާލުފާޅު ކުރުމާއި ޝުއޫރު ފާޅުކުރުމާއި އެއްވެ އުޅުމަކީ ބޮޑުބިރެއްގެ ގޮތުގައިއޮތްކަމެއް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެއްވެސް ކަހަލަ ހުރަހެއްނެތި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ދޫކޮށްލެއްވި ކަމަށް ވިދާޅުވިއެވެ. "އެހެންނަމަވެސް މީގެ ބޭނުން ހިފާއިރު ވިސްނަންޖެހޭނެ ތިމާ ފާޅުކުރާ ޚިޔާލެއް ނުވަތަ އުފުލާއަޑެއްގެ ނަތީޖާއަކަށް ވެގެން ނުވާނެ ޖެހިގެންހުންނަ މީހާގެ ކަންފަތްތޫރި ފޫއަޅުވާލާއެއްޗަކަށް. އެހިސާބަށް ގޮސްފިއްޔާ ދެންޖެހޭނީ އެއާދޭތެރޭ ވެރިކަމުގައި ތިބި ބަޔަކު ވިސްނަން. މިއަދު އަޅުގަނޑުމެންނަށް ބައެއް ފަހަރު އެމަންޒަރު އެބަފެނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް ހާލެއްގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާކަށް ބޭނުންފުޅު ނުވާކަމަށެވެ. "ޝުއޫރު ފާޅުކުރަންވީ، އެހެންނަމަސް އެއީ ދެންތިބި މީހުންނަށް ދުއްތުރާލަކަށް ވެގެންނުވާނެ. ކުރިއަށް ގެންދަވަންވީ އެބޭފުޅުން ވެސް. އަޑުއަހަން އަޅުގަނޑުމެންނަށް ކެރޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މިނިވަންކަމަށް ހުރަސް އަޅުއްވައި ނުހުއްޓުވިޔަސް އެހެން މީހުން ވެސް ހަރަކާތްތައް ހިންގުމަށް ފުރުސަތު ދެއްވަން ޖެހޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ.