މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި އެހެން ކުލަތަކެއް ޖެހުމުން އަންނަ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. މާޅުހުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. "މި ޕްރައިމަރީގައި އަޅުގަނޑުމެންނަށް އައިސް މިތިބެވުނީ ނިމުމުގެ މަގުމަތީގައި. ބާކީ މިއޮތީ ކެމްޕޭނެއް ކުރަން ހަތަރު ދުވަސް. މިހިސާބަށް އައިއިރުގައި މިއީ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް މީގެ ތެރެގައި އެހެން ކުލަތައް އެބަޖެހޭ. ވިސްނަވަންވާނެ އެކަމާދޭތެރޭ. ބޭނުމަކީ ކޮބައިކަން އެނގެންޖެހޭ. ބައެއް ރަށްރަށުން އެމަންޒަރު މިހާރު ފެންނަމުން އެބަދޭ. ތިޔަ ބޭފުޅުން ވިސްނަވަންވާނެ އެގޭ މަގުސަދަކީ ކޮބައިކަން. އެބޭފުޅުން އެކުރައްވަނީ ކޮންކަމެއްކަން. ސާފުކޮށް އެމްޑީޕީއަށް ވެރިކަމުގައި ދެމިތިބެވޭން އޮތްކަން އެނގޭތީ އެކަމަށް ހުރަސްއަޅުއްވަން ކުރެވެންއޮތް ކަންތައްތައް އެބޭފުޅުން އެކުރައްވަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ބޭފުޅުންނަށް، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ކިރިޔާ ވެސް ވާދަކޮށްލެވެން އޮތީ އެމްޑީޕީގެ ޕްރައިމަރީގެ ތެރެއަށް ވަދެ ގަޑުބަޑުކޮށްގެން ކަމަށް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާތީ މީހާކުރައްވަމުން އެގެންދަވަނީ އެމަސައްކަތް ކަމަށެވެ. ރައީސް އެވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވާހަކަ ކަމަށް ބެލެވެއެވެ. "އަޅުގަނޑުމެން މިގެންދަނީ ވަރަށް ފުރިހަމަ ޑިމޮކްރަޓިކް ނަމޫނާއެއް ދައްކަމުން. މި ޕާޓީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ. ޝައްކެއްއޮތް ކަމެއްނޫން. މިހާތަނަށް ވެސް އަޅުގަނޑުމެން އެކަންތައް ކޮށްފައި އޮތީ އެގޮތަށް. ނަމޫނާ ދައްކަމުން މިގެންދަނީ. މި ޕްރައިމަރީވެސް ވެގެންދާނެ ރާއްޖެއަށް ނަމޫނާއަކަށް. ދެންހުރި ސިޔާސީ ޕާޓީތަކަށް ވެސް،" ރައީސް ސާލިހު ވިދާޅުވިއެވެ.

އެހެން ކަމުން ޕްރައިމަރީ ގަޑުބަޑުކުރުމުގެ މަސައްކަތް ކުރާ މީހުން އެކަން އެގޮތަށް ކުރައްވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކޮށްލެވޭނެ ފުރުސަތެއް ލިބެން އޮތްގޮތަކަށް އެކަން ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެފަދަ ކަންކަމަށް އެމްޑީޕީގެ މެމްބަރުން ވިސްނަވަންވާނޭ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

"އެނގެންއޮތް ހަގީގަތަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑު މޮޅުވާނެ. މޮޅުވުމާއެކީގައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކީގައި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނޭ މަގުއެބައޮތް. އަޅުގަނޑުމެންނަށް އެ ފޯމިޔުލާ އެބައޮތް. އެކަން ދައްކަމުން އަޅުގަނޑުމެން މިއަންނަނީ. އެކަމެއް އެބޭފުޅުންނަކަށް ގަބޫލެއް ނުކުރެވޭ،" ރައީސް ސާލިހު ވިދާޅުވިއެވެ.